އިންޖެކްޝަން ޖަހައިގެން މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ބަދަލުގައި ކަނޑިން ޖަހައި ބޯ ކަނޑާލައިގެންނާއި ބަޑި ޖަހައިގެން މަރުގެ ހުކުމް ތަންފީޒު ކުރުމަށް މަރުގެ ކުށާއި، އެ ކުށާގުޅޭ އެހެނިހެން އުސޫލުތައް ކަނޑައެޅުމުގެ ބިލަށް ޖަމިއްޔަތުއްސަލަފުން ހިޔާލު ހުށަހަޅައިފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން އާންމުންގެ ހިޔާލަށް ހުށަހަޅާފައިވާ މަރުގެ އަދަބު ކަނޑައަޅާފައިވާ ބިލަށް ޖަމިއްޔަތުއްސަލަފުން ފޮނުވާފައިވާ ހިޔާލުގައި އެންމެ ބޮޑަށް ފާޑު ކިޔާފައި ވަނީ ބިލުގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ކަނޑައެޅުމުގެ އުސޫލަށެވެ.

ބަންޑާރަ ނައިބުގެ އޮފީހަށް ޖަމިއްޔަތުއްސަލަފުން ފޮނުވި ސިޓީގައި ބުނެފައި ވަނީ ގިސާސް ހިފުމުގެ މަގުސަދު ފުރިހަމަވެގެންދަނީ އެކަމުގައި ދިރިތިބި މީހުންނަށް އިބްރަތެއް ހާސިލު ވުމުން ކަމަށެވެ. އެހެންކަމުން ތޫނު އެއްޗަކުން ޖަހައި ބޯ ކަނޑާލުން އެއީ ގާތިލަށް އެންމެ އަނިޔާ ކުޑަ އަދި ވޭން އިހްސާސް ކުރަންޖެހޭ ވަގުތު އެންމެ ކުރު ގޮތް ކަމަށާއި ވާރިސުންގެ ހިތަށް ވެސް "އެންމެ ފިނިކަން ލިބޭނެ ގޮތް" ކަމަށެވެ. އަދި ގާތިލަކު އެ ގޮތަށް މަރާލުމަކީ އާންމުންނަށް އިބްރަތް ހާސިލްވާނެ ގޮތް ކަމަށް ވެސް ސަލަފުން ބުންޏެވެ.

ބަޑި ޖަހައިގެން މެރުމަކީ ވެސް އުއްމަތުގެ އިލްމުވެރިން ހުއްދަކަމުގައި ދެކިލައްވާ ކަމެއް ކަމަށް ވެސް ސަލަފުގެ ސިޓީގައި ބުނެފައިވެ އެވެ.

އިންޖެކްޝަންޖެހުމާއި ކަރަންޓު ޖެއްސުންފަދަ ކަންކަމަކީ އިސްލާމް ދީނުގައި އަދަބު ދިނުމުގެ ފަލްސަފާ އާއި ފުށުއަރާ ކަމެއް ކަމަށާއި އެ އުސޫލު އިންތިސްނާ ވަނީ މަގްތޫލު (މަރާލެވުނު މީހާ) މަރައިލެވުނު ގޮތަށް ގާތިލުގެ މައްޗަށް އުގޫބާތް ތަންފީޒު ކުރުމަށް ހުކުމްކުރާ ހާލަތުގައި އެކަނި ކަމަށެވެ.

އިންޖެކްޝަން ޖެހުމާ ދެކޮޅު ހަދާ ސަބަބު ބަޔާންކޮށް ސަލަފުން ފޮނުވި ސިޓީގައި ބަޔާން ކުރަނީ އިންޖެކްޝަނަކީ އެ ޖަހައިގެން އެއްފަހަރު މަރާލެވޭ އެއްޗެއް ނޫން ކަމަށެވެ. ދިރާސާތަކާ ހަވާލާދީ ބުނެފައި ވަނީ މީހަކު މަރާލުމަށްޓަކައި އާންމުކޮށް ތިން ތިންޖެކްޝަން ޖަހަންޖެހޭ ކަމަށާއި ވިހައިގެ އަސަރު އެކި މީހުންނަށް ކުރަނީ އެކިވަރަށް ކަމަށާއި އެންމެ އިންޖެކްޝަނަކުން މީހަކު މެރުން އެއީ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދޭ އެމެރިކާގައި ވެސް ވަރަށް ނާދިރުކޮށް ނޫނީ ނުވާ ކަމެއް ކަމަށެވެ.

މަރުގެ އަދަބު ދިނުމަކީ ދުނިޔޭގެ ނުފޫޒު ބޮޑު ބައެއް ގައުމުތަކުން ކުރަން ބޭނުން ކަމަށް ނުވާއިރު، އިންޖެކްޝަން ފޯރުކޮށް ނުދިނުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި މަރުގެ ހުކުމް ތަންފީޒު ކުރަން ބޭނުން ނުވާ ބަޔަކު ސަރުކާރާ ހަވާލުވެއްޖެނަމަ މަރުގެ އަދަބު ހުއްޓާލުމުގެ އެތައް ބަހަނާ ތަކެއްދެއްކުމުގެ ޖާގަވެސް އޮންނާނެ ކަމެއް ކަމަށެވެ.

"އެހެންވެއްޖެ ނަމަ އެއީ ވަރަށް ބޮޑު ނާއިންސާފެކެވެ. އެއް ސަރުކާރަކުން މަރުގެ ހުކުމް ތަންފީޒުކޮށްފައި އަނެއް ސަރުކާރަކުން ތަންފީޒު ނުކޮށް ދޫކޮށްލުމުގެ ޖާގަ ލިބޭނެ ގޮތަށް، ބަހަނާ ދެއްކޭ ގޮތަށް މިފަދަ ގާނޫނެއް އޮތުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. މިހާރުވެސް ދުނިޔޭގެ ބައެއް ގައުމުތަކުގައި މަރާން ހުކުމް ކޮށްފައި އިންޖެކްޝަން ނުލިބުމުގެ ސަބަބުން މަރުގެ ހުކުމް ތަންފީޒު ނުކުރެވި އެބަހުރިކަން ފާހަގަ ކުރެވެއެވެ،" ސަލަފުން ހުށަހެޅި ނުކުތާތަކުގައި ވެއެވެ.

46 މާއްދާއެއްގެ މައްޗަށް އެކުލެވޭ ބިލަށް ސަލަފުން 36 އިސްލާހު ހުށަހަޅާފައިވެއެވެ. ސަލަފުން ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އިލްމުވެރިންގެ މަޝްވަރާ އާއި ބެލެނިވެރިކަމަށް ހުށަހެޅުމެއް ފެންނާން ނެތި، "ފުރަތަމައަށް މިގާނޫނު ޑްރާފް ކުރެވުމަކީ ވެސް އިންކާރު ކުރާ ކަމެއް" ކަމަށެވެ.