25 Feb 2013, 12:21
މުޅި ރާއްޖޭގެ ތަކެތީގެ އަގުތައް ނޫނީ އިންފުލޭޝަން މަސް ދުވަހުގެ ތެރޭގައި 0.12 ޕަސެންޓަށް މައްޗަށް އުފުލިއްޖެ ކަމަށް ޑިޕާޓް އޮފް ނޭޝަނަލް ޕްލޭނިންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ޕްލޭނިން ޑިޕާޓްމަންޓުން އާންމުކޮށްފައިވާ އިންފުލޭޝަންގެ މިންގަނޑު ބަލައި، ޖެނުއަރީ މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ތަކެތީގެ އަގުތައް އުފުލޭ މިންގަނޑު) އިން ދައްކާގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅާ ބަލާއިރު މިދިޔަ ޖެނުއަރީ މަހުގެ އިންފްލޭޝަން ވަނީ 0.12 ޕަސެންޓް މައްޗަށް ޖެހިފަ އެވެ. ޑިސެމްބަރު މަހު އެ އިންފުލޭޝަން ރޭޓް ހުރީ 0.39 ޕަސެންޓް ގައެވެ.
އަހަރު ދުވަހުގެ އިންފުލޭޝަން ރޭޓަށް ބަލާއިރު 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުން މިއަހަރުގެ ޖެނުއަރީމަހުގެ ނިޔަލަށް ރާއްޖޭގެ އިންފުލޭޝަން ރޭޓްވަނީ 4.33 ޕަސެންޓް ވަނީ މައްޗަށް ގޮސްފައެވެ.
މިދިޔަ ޖެނުއަރީމަހުގެ މުޅި ރާއްޖޭގެ އިންފުލޭޝަންއަށް ބަލާއިރު އެންމެ ބޮޑަށް މަތިވެފައިވަނީ ތައުލީމީ ދާއިރާއިންނެވެ. އެގޮތުން އެދާއިރާއިން މަސް ދުވަހުގެ އިންފުލޭޝަން ވަނީ 4.58 ޕަސެންޓް މައްޗަށް ޖެހިފައެވެ. ޕުލޭނިން ޑިޕާޓްމެންޓްއިން ބުނީ އެދާއިރާގެ އިންފުލޭޝަން ރޭޓް މަތިވުމަށް ދިމާވި ސަބަބަކީ އާއަހަރު ފެށުމާއެކު ތައުލީމީ ދާއިރާގެ ފީތަކަށް އައި ބަދަލުތަކެވެ. މަސް ދުވަހުގެ ތެރޭގައި ސިއްހީ ދާއިރާގެ އިންފުލޭޝަން ރޭޓް 2.12 ޕަސެންޓް މައްޗަށް އުފުލިފައިވާއިރު ދަތުރުފަތުރުގެ ދާއިރާގެ އިންފުލޭޝަން ރޭޓް ވަނީ 1.96 ޕަސެންޓް އުފުލިފައެވެ.
މިދިޔަ ޖެނުއަރީމަހުގެ އިންފުލޭޝަން ރޭޓް ދައްވެފައިވާ ދާއިރާތަކަށް ބަލާއިރު އެންމެ ބޮޑަށް ދަށަށް ގޮސްފައިވާ އިންފޮމޭޝަން ޕުރޮސެސިން އިކުއިޕްމެންޓް ދާއިރާގެ އިންފުލޭޝަން 8.65 ޕަސެންޓް ދަށަށް ގޮސްފައިވާއިރު ތަރުކާރީގެ ބައިންވެސް ވަނީ 2.96 ޕަސެންޓް ދަށަށް ގޮސްފައެވެ.
މިދިޔަ ޖެނުއަރީ މަހުގެ ރާއްޖޭގެ އިންފުލޭޝަން ރޭޓް 0.12 ޕަސެންޓް މައްޗަށް ގޮސްފައިވީ ނަމަވެސް އެއީ އިންފުލޭޝަން ރޭޓް މީގެ ކުރިން މަތިވެފައިވާ މިންވަރާ އަޅާބަލާއިރު ކުޑަ މިންވަރެކެވެ.