25 Feb 2013, 11:31
މިދިޔަ އަހަރުގެ ފެބްރުއަރީ ހަތް ވަނަ ދުވަހުގެ ވަގުތެއްގައި ދާރުލްއާސާރަށް ގެއްލުންދިން ކަމަށް ތުހުމަތު ކުރެވޭ ދެ މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް ހުސެއިން ނާޝިދު ވިދާޅުވީ ދާރުލްއާސާރުގައި ހުރި ތަކެއްޗަށް ގެއްލުން ދިންކަމުގެ ތުހުމަތުގައި ދައުވާ ކޮށްފައި ވަނީ މ. ހާދޫ، މުހައްމަދު ނިޝާނާއި ގ. އަޑިމަގު ޔޫސުފް ރިޟްވާންގެ މައްޗަށް ކަމަށެވެ.
އޭނާ ވިދާޅުވީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ)ގެ ދަށުން އެ ދެ މީހުންގެ މައްޗަށް ކޮށްފައި ވަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ ކަމަށެވެ. އަދި އެ ދައުވާ ކޮށްފައި ވަނީ ނިޝާން އާއި ރިޟްވާން އިތުރު ބަޔަކާ އެކު މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ ހެނދުނު 10:50 އެހައިކަންހާއިރު ދާރުލް އާސާރު ތެރެއަށް ވަދެ އެތަނުގައި ހުރި ރާއްޖެ އިސްލާމްވުމުގެ ކުރީގެ އާސާރީ ތަކެއްޗަށް ގެއްލުންދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ވެސް ނާޝިދު ވިދާޅުވި އެވެ.
ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ޝަރުއީ ގޮތުން ނުވަތަ ގާނޫނީ ގޮތުން ކުރާ އަމުރަކަށް ނުކިޔަމަންތެރިވުމަކީ ކުށެއް ކަމަށެވެ. އަދި އެފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ ގިނަވެގެން ހަ މަސް ދުވަހަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދުކުރުން ނުވަތަ 150ރ. އަށް ވުރެ ގިނަ ނޫން އަދަދަކުން ޖޫރިމަނާ ކުރުން ކަމަށް އެ މާއްދާގައި ބުނެފައި ވެއެވެ.
ފެބްރުއަރީ ހަތް ވަނަ ދުވަހު ދާރުލްއާސާރުތެރެއަށް ވަދެ އެތަނުގައި ހުރި އެންމެ ދުވަސްވީ ތަކެތީގެ ތެރޭގައި ހިމެނޭ މީލާދީން ހަ ވަނަ ގަރުނުގައި ތޮއްޑޫގައި ހުރި ދާގަބާގެ ބުދުގެ ބޯ ހިމެނެ އެވެ. އަދި ބ. ހޮރުބަދޫގައި ރޯޔަލް އައިލެންޑް ރިސޯޓް ހެދި އިރު ފެނުނު ބުދެއްގެ ބޯ ވެސް ތަޅާލާފައިވާއިރު ހެންވޭރުކޮޅުން ފެނިގެން ދާރުލްއާސާރަށް ލާފައި ހުރި ފަސް މޫނު ލީ ބުދުވެސް ވަނީ ތަޅާލައިފަ އެވެ.
އެ މައްސަލައިގެ ފުރަތަމަ ޝަރީއަތުގެ މަޖިލީސް މިއަދު ހެނދުނު 10:00ގައި ބޭއްވުމަށް ކްރިމިނަލް ކޯޓުން ޝެޑިއުލް ކުރި އެވެ. ނަމަވެސް ދައުވާ ލިބޭ ދެ މީހުންނަށް ޗިޓް ރައްދު ނުކުރެވޭތީ ޝަރީއަތް ވަނީ ކެންސަލްކޮށްފަ އެވެ.