25 Feb 2013, 11:15
ތިންވަނަ ފަހަރަށް އެންމެ މޮޅު ފިރިހެން ތަރީގެ އޮސްކާ ކާމިޔާބުކުރުމަށް ފަހު ޑެނިއަލް ޑޭ-ލުވިސް އޮސްކާގެ އާ ރެކޯޑެއް ގާއިމްކޮށްފި އެވެ.
ރޭ ނިންމާލި އޮސްކާ އެވޯޑި ދިނުމުގެ ހަފުލާގައި، މިފަހަރުގެ އެންމެ މޮޅު ފިރިހެން ތަރީގެ އޮސްކާ ޑެނިއަލް ޑޭ-ލުވިސް ކާމިޔާބުކޮށްފައި ވަނީ ޑައިރެކްޓާ ސްޓީވަން ސްޕީލްބާގުގެ "ލިންކަން" މިފިލްމުގައި ކުޅެފައިވާ ރޯލަށެވެ.
އޮސްކާގެ ތާރީހުގައި ތިން ވަނަ ފަހަރަށް އެންމެ މޮޅު ފިރިހެން ތަރީގެ އޮސްކާ ކާމިޔާބުކުރުމުގެ ޝަރަފު ހޯދާފައިވާ ހަމައެކަނި ތަރި ޑެނިއަލް ޑޭ-ލުވިސް ތިންވަނަ އޮސްކާއާ ހަވާލުވަމުން ބުނެފައި ވަނީ މިހާ ކާމިޔާބު ފިލްމީ ތަރިއަކަށް ވީ ގޮތެއް ބުނެދޭން ނޭނގޭ ކަމަށެވެ.
މި އަހަރުގެ އޮސްކާގައި އެންމެ މޮޅު ފިލްމުގެ އެވޯޑު ކާމިޔާބުކޮށްފައި ވަނީ އިރާނުން ރަހީނުކުރި އެމެރިކާގެ ރައްޔިތުންތަކެއް މިނިވަން ކުރުމަށް އެމެރިކާއިން ހިންގާ އޮޕަރޭޝަނެއް ދައްކުވައިދޭ ފިލްމް "އާގޯ" އެވެ.
އެންމެ މޮޅު އަންހެން ތަރީގެ އޮސްކާ ކާމިޔާބުކޮށްފައި ވަނީ "ސިލްވާ ލައިނިންގްސް ޕުލޭބުކު"ގައި ހުވަފަތް އަންހެނެއްގެ ރޯލް ކުޅެފައިވާ ފިލްމީ ތަރި ޖެނިފާ ލޯރެންސް އެވެ.
މިއީ އުމުރުން 22 އަހަރުގެ ޖެނިފާ ލޯރެންސް އޮސްކާ އެވޯޑެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
އެންމެ މޮޅު ސަޕޯޓިންގ އަންހެން ތަރީގެ އޮސްކާ ކާމިޔާބުކޮށްފައި ވަނީ، ފަރަންސޭސި ފިލްމު "ލެސް މިސްރެބަލްސް"ގައި ފެކްޓްރީއެއް ގައި މަސައްކަތްކުރާ އަންހެނެއްގެ ބައި ކުޅުނު ފިލްމީ ތަރީ އޭން ހެތަވޭ އެވެ.
އެންމެ މޮޅު އޮރިޖިނަލް ލަވައިގެ އޮސްކާ ކާމިޔާބުކުރީ ޖޭމްސް ބޮންޑުގެ އެންމެ ފަހުގެ ފިލްމް "ސްކައިފޯލް"ގެ ތީމް ލަވަ ކަމަށްވާ "ސްކައިފޯލް" އެވެ. މިލަވަ ކިޔާފައި ވަނީ ލަވަކިޔުންތެރިޔާ އަޑޭލް އެވެ.
ސިނަމެޓޮގުރަފީއާއި ވިޝުއަލް އިފެކްޓްސްގެ އެންމެ މޮޅުގެ ފިލްމުގެ އޮސްކާ ކާމިޔާބުކޮށްފައި ވަނީ "ލައިފް އޮފް ޕައި" އެވެ.