އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ރާއްޖެ އައި ބޯޓަކުން މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ދެކިލޯއަށް ވުރެ ގިނަ ހެރޮއިން ފެނުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެމައްސަލާގައި އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިރު އެމީހާގެ ބަންދަށް ކޯޓުން ތިން ދުވަސް ޖަހައިދީފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި ހައްޔަރުކުރި މީހާގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ސުޕްރިންޓެންޑެންޓް އޮފް ކަސްޓަމްސް އަހުމަދު ނިޔާޒު މިއަދު ސަންއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އެބޯޓުގެ ކެޕްޓަން ކަމަށެވެ. ނަމަވެސް އެބޯޓުގައި ތިބި އެހެން ފަޅުވެރިންނާ އެބޯޓު އަދިވެސް ތިބީ ކަސްޓަމްސްގެ ބެލުމުގެ ދަށުގަ އެވެ.

"ފުލުހުންނާއި އެ ބޯޓުގެ ކެޕްޓަން ހަވާލުކުރީ ހަމަ އެދުވަހު. އެމީހާ އާ އެކު ބޯޓުން ފެނުނު މަސްތުވާތަކެތި ވެސް ވަނީ ފުލުހުންނާ ހަވާލުކޮށްފަ،" ނިޔާޒު ވިދާޅުވި އެވެ.

"އެމްއެސްވީ މާރިޔާ ޖެނެމަލް" ނަމަކަށް ކިޔާ މިބޯޓަކީ އިންޑިއާާ އިން ތަރުކާރީއާއި މޭވާ ފަަދަ އެއްޗެހި ބަރުކޮށްގެން މިމަހުގެ 17 ވަނަ ދުވަހު ރާއްޖެ އައިސްފައިވާ ބޯޓެކެވެ. އަށް ފަޅުވެރިންނާ އެކު ރާއްޖެ އައި އެބޯޓުގައި ތިބީ ހުސް އިންޑިއާގެ ރައްޔިތުން ކަމަށާއި ކަސްޓަމްސް އިން ހިންގި އޮޕަރޭޝަނެއްގައި އެބޯޓުން ފެނުނު ހެރޮއިން ކަމަށް ތުހުމަތުކުރެވޭ އެއްޗެއް އަޅާފައިވާ ފެކެޓްގެ ބަރުދަނުގައި 2.195 ކިލޯ ހުރި ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.