25 Feb 2013, 10:59
އަޅުގަނޑުމެންގެ ހިތްތަކުގައި ދިވެހި ބަހަށް އޮތް ލޯބި އިތުރުކޮށް، އެންމެންނަކީ ވެސް ބަހަށް އިހުތިރާމް ކުރާ އަދި ރީތި ދިވެހި ބަހުން ވާހަކަ ދައްކާ ބަޔަކަށް ހެއްދެވުމަށް ޓަކައި ގައުމީ ފެންވަރެއްގައި ހާއްސަ މަސައްކަތްތަކެއް ފަށްޓަވައި ދެއްވުމަށް ދިވެހިބަހުގެ އެކަޑަމީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު އިލްތިމާސް ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ، ބައިނަލްއަގްވާމީ މާދަރީ ބަހުގެ ދުވަހާ ގުޅިގެން، ދިވެހި ބަހަށް ޓަކައި އަޑު އުފުލުމުގެ ގޮތުން، ދިވެހި ބަހުގެ އެކަޑަމީން އިންތިޒާމު ކުރައްވައިގެން، އިއްޔެ ޖުމްހޫރީ މައިދާނުގައި ބޭއްވި ހަވީރުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ދިވެހިބަސް ހިމާޔަތްކޮށް ރައްކާތެރި ކުރުމަކީ ހަމައެކަނި ވަކި މުއައްސަސާއެއްގެ ވާޖިބެއް ކަމަށް ދެކިގެން ނުވާނެ ކަމަށާއި އެއީ މުޅި ގައުމުގެ މައްޗަށް އޮތް ވާޖިބެއް ކަމަށެވެ. އެހެންކަމުން، ދިވެހި ބަހުގެ އެކަޑަމީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ހުރިހާ ފަރާތްތަކުން އެއްބާރުލުން ދެއްވައި ބަހަށް އިސްކަން ދިނުމަށް ކުރާން ޖެހޭ ކަންތައްތައް ފަރުދީ ފެންވަރުގައި ކުރުމުގެ އިތުރުން، މުޅި މުޖްތަމައުގެ އެއްބާރުލުމާއި އެހީތެރިކަމާ އެކު، މި މަސައްކަތްތައް ކުރިއަށް ގެންދިޔުމަކީ ބަހަށް ކޮށްދެވޭނެ ވަރަށްބޮޑު ހިދުމަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދިވެހި ބަހަށް ޓަކައި މިއަދު އަޑު އުފުލަމުން ގެންދާ އިރު، އިންސާނީ ވަސީލަތްތައް ތަރައްގީކޮށް ކުރިއެރުވުމުގައި އަދި ގައުމުގެ ތަރައްގީއަށް ބޭނުން ވާ އެކިއެކި ދިރާސާ ކުރުމުގައި ދިވެހި ބަސް ވަރަށް މުހިންމު ދައުރެއް އަދާކުރަމުން ގެންދާ ކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ޒަމާނަށް އަންނަ ބަދަލުތަކާ އެކު، ބަހަށް ވެސް ކުރިއެރުންތަކެއް ލިބި، ބަސް ތަރައްގީ ވެގެންދާނެއެވެ. އަދި ބަސް ކުރިއަރުވައި ދިރުވުމަށް މަސައްކަތްތަކެއް ކުރަމުން ނުދާ ނަމަ، މި ރީތި ދިވެހިބަސް ވަޅުޖެހިގެން ދިޔުމަކީ ވަރަށް ގާތުގައި އޮންނާނޭ ކަމެއް ކަމަށެވެ.
ދިވެހީންގެ މެދުގައި، ހާއްސަކޮށް، ޒުވާނުންގެ ތެރޭގައި، ދިވެހިބަހުން މުއާމަލާތު ކުރަމުންދާ އިރު، ބަހާ ދޭތެރޭގައި އިހުމާލު ވަމުން ދާ ތަން މިއަދު ފެންނަމުން ދާތީ، އެކަމާ ވަރަށް ހިތާމަ ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ބަހުގެ ހަމަތަކަށް ބަލައިލުމެއް ނެތި ވާހަކަ ދައްކައި ނުވަތަ ލިޔެ ހަދަމުން ގެންދާ ނަމަ، އެކަމުން މުޅި މުޖްތަމައަށް ކުރާނެ ނޭދެވޭ އަސަރާ ދޭތެރޭގައި ވެސް ހިޔާލު ކުރާން އެބަ ޖެހޭ ކަމަށް ވިދާޅުވެ، ހާއްސަކޮށް، މައިންބަފައިންނާއި، ބެލެނިވެރިންނާއި މުދައްރިސުން މިކަމަށް ވަރަށްބޮޑު ސަމާލުކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތެވެ. އަދި ކުދިން ޝައުގުވެރިވާ ގޮތަށް ދިވެހިބަސް ކިޔަވައިދެއްވުމަކީ، މުދައްރިސުންނާއި، ތައުލީމީ ދާއިރާގެ ހިންގުންތެރިން މިއަދު ވަރަށްބޮޑު ސަމާލުކަމެއް ދެއްވާން ޖެހިފައިވާ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ދިވެހިބަހުން ވާހަކަ ދެއްކުމުގައި، ބޭރުބަސް ބޭނުންކުރުމުގެ ބަދަލުގައި ދިވެހިބަހެއް އޮތްތޯ ބަލައި ދިވެހިބަސް ވީހާވެސް ބޮޑަކަށް ބޭނުންކުރުމަކީ، ބަހަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން އުޅުމުގެ ސަބަބުން އެމީހުންގެ ބަހުރުވަ އާއި ވާހަކަ ދެއްކުމުގެ ގޮތްތައް، އަޅުގަނޑުމެންގެ ޅަދަރިންނަށް ނަގައިގަނެވި، އެގޮތަށް ދިވެހި ބަސް ބޭނުންކުރުމުން، ދިވެހި ބަހަށް ވަރަށް ނޭދެވޭ ބޮޑެތި ބަދަލުތަކެއް އަންނަމުން ދާ ކަން ވެސް އެމަނިކުފާނު ހާމަކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހި ބަހަށް ޓަކައި އިހުލާސްތެރި ހިދުމަތްތަކެއް ކޮށް ދެއްވައިފައި ވާ ބޭފުޅުންގެ މަތީން ހަނދާންކޮށް، އެބޭފުޅުން ދިވެހި ބަހަށް ޓަކައި އެ ކުރެއްވި މަސައްކަތްޕުޅުތަކަކީ، މިއަދު ވެސް އަދި އަންނާން އޮތް ޖީލުތަކަށް ވެސް ފެންނާން ޖެހޭނެ މަސައްކަތްޕުޅުތަކެއް ކަމަށް ވިދާޅުވިއެވެ.