ޝަރުއީ ނިޒާމާއި ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަން އޮތް މިންވަރު ބެލުމަށް އދ. އިން ފޮނުވި ހާއްސަ މަންދޫބު ގެބްރިއެއްލާ ނައުލް ވަނީ ރާއްޖޭގައި އޭނާ ކުރެއްވި މަސައްކަތްޕުޅު ނިންމަވާލައްވާފަ އެވެ.

ނަމަވެސް އެ މަސައްކަތް ނިންމަވާލެއްވުމަށް ފަހު ބޭއްވެވި ނޫސްކޮންފަރެންސްގައި ދެއްވި ބަޔާނުން އެނގުނީ އެކަމަނާގެ މަސައްކަތަކީ އަދި ހަމަ ކިރިޔާ ފެށުމެއް ކަމެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމުގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގައި ހުރި ގިނަގުނަ މައްސަލަތަކެއް އެކަމަނާ ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި އިންސާފު ނުލިބިގެން އުޅޭ އެ ކަންތައްތައް އިސްލާހު ކުރުމަށް "އދ.ގެ އެޖެންސީތަކާއި އެހެނިހެން ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތައް ހިމެނޭ ގޮތުން ބައިނަލްއަގުވާމީ މުޖުތަމައުގެ ބައިވެރިވުން ވަރުގަދަ ކުރުމަށް" އެކަމަނާ ގޮވާލެއްވި އެވެ.

"ޝަރުއީ ދާއިރާއާއި ގާނޫނީ ޕްރޮފެޝަން ވަރުގަދަކޮށް، މިނިވަން ކުރުމަށް ދެމެހެއްޓެނިވި ޕްރޮގްރާމްތައް ހިންގުމާއި އެކަންތައްތައް ތަންފީޒު ކުރާ މިންވަރު މޮނިޓާ ކުރުމުގައި ބައިނަލްއަގުވާމީ މުޖުތަމައާ، އދ.ގެ އެޖެންސީތަކާއި ބައިނަލްއަގުވާމީ އަދި ނަން ގަވަމެންޓަލް އޯގަނައިޒޭޝަންތަކުގެ ބައިވެރިވުން ވަރުގަދަ ކުރުމަށް ގޮވާލަމުން ނިންމާލަން،" އިއްޔެ ޓްރޭޑާސް ހޮޓަލުގައި ދެއްވި ބަޔާނުގައި ގަބްރިއެއްލާ ވިދާޅުވި އެވެ.

އެ އިލްތިމާސްގެ ކުރިން ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހުރި ގިނަގުނަ މައްސަލަތައް އެކަމަނާ ފާހަގަ ކުރެއްވި އެވެ. އަދި އެކަމަނާގެ މިނިވަންކަން ކަށަވަރު ކޮށްދެއްވުމަށް ވެސް ވާހަކަ ދެއްކެވި އެވެ.

"އަޅުގަނޑު ފާހަގަކުރަން، އަޅުގަނޑަކީ ޔޫއެން ހިއުމަންރައިޓްސް ކައުންސިލަށް ރިޕޯޓްކޮށް، ލަފާދޭ މިނިވަން މާހިރެއް. އަޅުގަނޑު (މިކަމަށް) އައްޔަން ކޮށްފައި ވަނީ ހިއުމަން ރައިޓްސް ކައުންސިލުން ކަމަށް ވިޔަސް، އަޅުގަނޑަކީ ޔުނައިޓެޑް ނޭޝަންސް އިން ވަޒީފާ ދީފައި ހުރި މީހެއް ނޫން،" ގަބްރިއެއްލާގެ މިނިވަންކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުން ވިދާޅުވި އެވެ.

މައްސަލަތަކުގެ ވާހަކަ ދައްކަވަން ފެއްޓެވުމުގެ ކުރިން އޭނާ ވަރަށް މުހިއްމު އެހެން ނުގުތާއެއް ފާހަގަކުރެއްވި އެވެ. ވިދާޅުވީ ރާއްޖެ ޑިމޮކްރަސީއަކަށް ބަދަލުވުމަށް ޓަކައި ދިގު މުއްދަތާއި ކުރުމުއްދަތުގައި އަޅާ ފިޔަވަޅުތައް، ގުޅިފައިވާ ކަންތައްތަކެއް ކަމުގައި ވާން ޖެހޭ ކަމަށެވެ.

މައްސަލަތަކާ މެދު ވާހަކަ ދައްކަވަން ފެއްޓެވުމުގެ ގޮތުން ފުރަތަމަވެސް ވިދާޅުވީ "ދައުލަތުގެ ހުރިހާ ބާރެއް ވެސް އެއްވަރަށް މުހިއްމު ކަމަށާއި އެއިން އެއްވެސް ބާރެއް ގާނޫނަށް ވުރެ މަތީގައި އޮވެގެން ނުވާނެ" ކަމަށެވެ.
ޝަރުއީ ނިޒާމުގެ މައްސަލަތަކުގެ ތެރެއިން އެންމެ ފުރަތަމަ ވެސް ފާހަގަކުރެއްވީ ހާމަކަން ނެތުމެވެ. ވިދާޅުވީ މައްސަލަތައް ބަލާނެ ފަނޑިޔާރުން ނިންމުން ފަދަ ކަންތައްތަކުގައި ހާމަކަން ނެތުމުގެ ސަބަބުން ނުފޫޒު ފޯރުވުމާއި ކޮރަޕްޝަން ފަދަ ކަންތައްތަކަށް މަގުފަހިވާނެ ކަމަށެވެ.

ފާހަގަ ކުރެއްވި އަނެއް ކަމަކީ ފަނޑިޔާރުން އައްޔަން ކުރުމަށް އޮންނަ ނިޒާމުގެ ރަނގަޅު ނޫން ކަމެވެ.

"ފަނޑިޔާރުން އައްޔަން ކުރުމަށް ވެރިކަން ކުރާ ބާރާއި ގާނޫނު ހަދާ ބާރު ހިމެނޭ ގޮތުން، މިނިވަންކަމާ އެކު މަސައްކަތް ކުރާ ބޮޑީއެއް (ކޮމިޝަނެއް ނުވަތަ ކޮމިޓީއެއް) ގާއިމް ކުރަން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި އަނެއް ކަމަކީ ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުމާއި އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމުގެ ބާރު އޮންނަ ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ގާބިލުކަން ނެތުމާއި އެކޮމިޝަން ސިޔާސީވެފައި ވުމެވެ. އެކަން ރަނގަޅު ކުރުމަށް ކޮމިޝަނުގެ އެކުލެވުން އޮންނަންވީ ގޮތާ މެދު ގެބްރިއެއްލާ ދެކެވަޑައިގަންނަވާ ގޮތް ވިދާޅުވެދެއްވި އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އެފަދަ ބޮޑީއެއް އެކުލެވިގެން ވާން ވާނީ މުޅިން ވެސް ފަނޑިޔާރުން ނުވަތަ ރިޓަޔާކުރައްވާފައިވާ ފަނޑިޔާރުންގެ މައްޗަށް، ގާނޫނީ ޕްރޮފެޝަންއާއި އިލްމީ ދާއިރާގެ ކޮންމެވެސް ވަރެއްގެ ބައިވެރުން ބޭއްވިދާނެ، ސިޔާސީ ފަރާތްތަކުގެ ބައިވެރިވުން އޮވެގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.

ފާހަގަކުރެއްވި އަނެއް ކަމަކީ ރާއްޖޭގެ އާގާނޫނު އަސާސީ ރަނގަޅަށް ތަންފީޒުކުރެވޭ ފަދަ ގާނޫނުލް އުގޫބާތެއް ނެތުމެވެ. އަދި ހެއްކާ ބެހޭ ގާނޫނާއި ޖިނާއީ އިޖުރާތުގެ ގާނޫނު ފަދަ ގާނޫނުތައް ނެތުމެވެ.
ވިދާޅުވީ "މި އުނިކަމުގެ ސަބުން ގާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) ދެމެހެއްޓުމަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާ" ކަމަށެވެ.

ގާނޫނީ އެފަދަ އުނިކަން އޮތުމުގެ ޒިންމާ ރައްޔިތުންގެ މަޖިލީހުގެ އިތުރުން ސަރުކާރުން ވެސް ނަގަން ޖެހޭ ކަން އޭނާ ފާހަގަކުރެއްވި އެވެ. ވިދާޅުވީ "އެބޭފުޅުން އަޅާ ފިޔަވަޅަކުން ނުވަތަ ފިޔަވަޅެއް ނޭޅުމުގެ ސަބަބުން ގާނޫނުގެ ވެރިކަން ގާއިމް ކުރުމަށް އަސަރުކުރަނީ ކިހިނެތް ކަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ވިސްނުމުގައި ގެންގުޅުއްވަން ޖެހޭ" ކަމަށެވެ. އަދި "މުހިއްމު ގާނޫނުތައް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވެސް ވަރުގަދަ ލީޑަޝިޕެއް ދަންކަން ޖެހޭނެ ކަމަށާއި އެ ގާނޫނުތައް ހެދެނީ އިންސާނީ ހައްގުތައް ހިމާޔަތް ކުރެވޭ ގޮތަކަށް ކަން ކަށަވަރު ކުރަން ޖެހޭ" ކަމަށެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހުކުރުމަށް ކުރަން ޖެހޭ މިނޫން ވެސް އެތައް ކަމެއް ފާހަގަ ކުރެއްވުމަށް ފަހު ގެބްރިއެއްލާ ގޮވާލައްވާފައި އެވަނީ އެކަމުގައި ބައިނަލް އަގުވާމީ މުޖުތަމައުގެ ބައިވެރިވުން ވަރުގަދަ ކުރުމަށެވެ.