12:43


ރައްޔިތުންގެ މަޖިލީހުގެ ތަޅުން މިއަދު މެންދުރު ހޫނުވުމާ އެކު ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ފުރަތަމަ އިއްވެވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހަންމަދު ނަޝީދުގެ ނަމެވެ. ނަމަވެސް އޭނާގެ ނަން އިއްވެވުމުން ވެސް އޭނާ ޖަލްސާ ދޫކުރައްވައި ވަޑައިނުގަތުމުން ރައީސް ވިދާޅުވީ ދެން ޖަލްސާ ކުރިއަށް ގެންދަވާނީ އޭނާ ޖަލްސާ ކުރާ މާލަމުން ބޭރަށް ނެރުމަށް ފަހު ކަމަށެވެ. ޖަލްސާ ހޫނުވާން ދިމާވީ ސަރުކާރުން އޮޑިޓާ ޖެނެރަލަކަށް ހުށަހެޅި އަލީ ރަޝީދު އުމަރާ ބެހޭ ކޮމެޓީ ރިޕޯޓް ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނާއިބު ރައީސް، އަހުމަދު ނާޒިމު މަޖިލީހަށް ހުށަހަޅުއްވަން ފެއްޓެވުމާ އެކު އެވެ. ކޮމެޓީ ރިޕޯޓްގައި ބުނެފައި ވަނީ، އެސްޓީއޯގެ ޗެއާމަން ފާރޫގު އުމަރުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަލީ ރަޝީދު އުމަރު އޮޑިޓާ ޖެނެރަލްގެ މަގާމަށް ޝަރުތު ހަމަނުވާ ކަމަށެވެ. ކޮމެޓީގައި އޭނާ އަށް އެންމެ ދަށްކޮށް މާކްސް ލިބިފައި ވަނީ އިންޓަގްރިޓީންނެވެ.


އެ ރިޕޯޓް ނާޒިމު ހުށަހަޅުއްވަން ފެއްޓުމާ އެކު މަޖިލީހުގައި ސަރުކާރު ހިންގާ ޕާޓީގެ މެންބަރުން އަޑުގަދަކުރައްވައި ނާޒިމުގެ ރިޕޯޓް ހުށަހެޅުއްވުމަށް ފުރުސަތު ނުދެއްވިތަން ފެނުނެވެ.


އަލީ ރަޝީދު އުމަރުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ފުރަތަމަ ކަނޑައަޅާފައި އޮތީ އިއްޔެ އެވެ. ނަމަވެސް އެމްޑީޕީން ޖެއްސި މައްސަލައަކާ ގުޅިގެން އިއްޔެ ވަނީ އެ މައްސަލަ މިއަދަށް ފަސްކޮށްފަ އެވެ.


 


މަޖިލީހުގެ ޖަލްސާ ހޫނުވެ ޖަލްސާ މެދުކަނޑާލައިފި އެވެ.