25 Feb 2013, 09:39
ކާބުލް (ފެބްރުއަރީ 25) : އަފްޣާނިސްތާނުގެ އުތުރުގެ ވުރްދަކް ސަރަޙައްދުގައި ޙަރަކާތްތެރިވާ އެމެރިކާ ސިފައިންނާއި އަފްޣާން ބައެއް ޖަމާއަތްތައް ގުޅިގެން އާންމުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ހިންގަމުން ގެންދާ ކަމުގެ ޚަބަރުތަކެއް ފެންމަތިވުމާ އެކު އެސަރަޙައްދުން ފޭބުމަށް ކަރުޒާއި އެމެރިކާ ސިފައިންނަށް އަންގަވައިފި އެވެ.
މިކަން ހާމަކުރައްވަމުން އަފްޣާން ރިޔާސީ ތަރްޖަމާން އީމާލް ފާއިޒީ ވިދާޅުވީ ވުރްދަކްގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންނާއި އެމީހުންނަށް އެހީތެރިވާއަފްޣާން ބައެއް ގްރޫޕްތަކުން ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ހިންގަމުންގެންދާ ކަމަށް ތުހުމަތުކުރެވޭ ކަމުގަ އެވެ. މިޖަރީމާތަކާ ބެހޭ މަޢްލޫމާތު އަފްޣާން ޢާންމުން ސަރުކާރަށް ދެމުން ގެންދާ ކަމަށާއި މިޖަރީމާތަކުގެ ތެރޭގައި މީހުން މެރުމާއި އަނިޔާކުރުމާއި މީހުން ވަގަށްނެގުން ހިމެނޭކަމުގެ މަޢްލޫމާތު ވެސް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަފްޣާނިސްތާނުގެ ވުރްދަކް ސަރަޙައްދުގައި ތާލިބާނުންނާ ދެކޮޅަށް ޢަސްކަރީ އޮޕަރޭޝަންތައް ހިންގަމުން ގެންދަނީ އެމެރިކާ ސިފައިންގެ ޚާއްސަ ބާރަކުން ކަމަށްވެސް އަފްޣާން ރިޔާސީ ތަރްޖަމާން ހާމަކުރެއްވި އެވެ. ނޫސްކޮންފަރެންސެއްގައި މަޢްލޫމާތު ދެއްވަމުން އީމާލް ފާއިޒީ ވިދާޅުވީދެހަފްތާ ތެރޭގައި ވުރްދަކް ސަރަޙައްދުން އެމެރިކާ ސިފައިން ބޭލުމަށް އެމެރިކާގެ ކޮމާންޑަށް ރައީސް ޙާމިދު ކަރުޒާއި އަމުރު ކުރައްވާފައިވާ ކަމުގަ އެވެ.
އަފްޣާން ބައެއް ގްރޫޕްތަކާ ގުޅިގެން އަފްޣާން އާންމުންނަށް ގޯނާކުރާ ކަމުގެ ތުހުމަތު މީގެކުރިން ވެސް އެމެރިކާ ސިފައިންގެ މައްޗަށް ކުރެވިފައިވެ އެވެ. ވުރްދަކް ގަވަނޭޓްގައި ޙަރަކާތްތެރިވާ އެމެރިކާ ސިފައިންނާ ގުޅިގެން މަސައްކަތްކުރާ އަފްޣާން ގްރޫޕަކުން އެސަރަޙައްދުގެ ޒުވާނެއްގެ ބޯކަނޑާލައިގެން ވަރަށް އަނިޔާވެރިގޮތަކަށް އެޒުވާނާ މަރާލާފައިވާ ކަމަށާއި އަދި ގިނަ އަދަދެއްގެ ބަޔަކު ވަގަށް ނަގާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެމެރިކާ އިން ވަނީ އެމެރިކާ ސިފައިންގެ ޚާއްސަ ޚާއްސަ ބާރުތަކުގެ މައްޗަށް ކުރެވިފައިވާ މިތުހުމަތުތައް ބަލައި ތަޙްޤީޤް ކުރާނެކަން ހާމަކޮށްފަ އެވެ.
ނަމަވެސް އެމެރިކާ ސިފައިން އަފްޣާނިސްތާނުގައި ހިންގާ ޤަތްލުއާންމުތަކާއި ލާއިންސާނީ ޖަރީމާތައް ކިތަންމެ ގިނަކަމުގެ ރިޕޯޓްތައް ފެތުރިފައިވީ ނަމަވެސް މިފަދަ ޖަރީމާތައް ހިންގާ އެމެރިކާ ސިފައިންގެ ތެރެއިން ވަރަށް މަދުބައަކަށް ނޫނީ ކުޑަވަރެއްގެ އަދަބެއްވެސް މިހާތަނަށް ދީފައެއް ނުވެ އެވެ. އަދި ދެވޭ އަދަބުތަކުގެ ތެރޭގައި ވެސް ރޭންކް ދަށްކޮށްލުން ނޫނީ އަފްޣާނިސްތާނުން ގެންދިޔުން ނޫން އަދަބެއް ދީފައިނުވާ ކަމަށް ޚަބަރުލިބެ އެވެ. އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން މެރުމަށް ފަހު އެމީހުންގެ މަރުވެފައިވާ ހަށިތަކަށް ކުޑަކަމު ދިޔުންފަދަ ނާތަހުޒީބު ޖަރީމާތައް ވެސް އެމެރިކާ ސިފައިން ހިންގާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)