"އެއިރެއްގައި ކުރާން ޖެހުނު ކަމެއް އަޅުގަނޑު ކުރަމުން މިހާތަނަށް ވެސް އައީ، އަދި މިހާތަނަށް ވެސް ކުރަމުން މިގެންދަނީ، އަދި ކުރިއަށް އޮތްތަނުގައި އަޅުގަނޑު ކުރަމުން ގެންދާނަން،" އިންޑިއަން ހައިކޮމިޝަންގެ ހިމާޔަތުގައި ހުންނެވުމަށް ފަހު އެތަނުން ނިކުމެވަޑައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ. އެއީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނީ ނިޒާމުގެ ތެރެއިން ގެއްލުވާލެއްވުމަށް ފަހު ވެސް މީޑިއާތަކަށް އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވަމުން ގެންދެވި އެއް ވާހަކަ އެވެ. ނަމަވެސް ރައީސް ނަޝީދުގެ މައްޗަށް އެ މައްސަލައިގައި ދައުލަތުގެ ފަރާތުން ކުރާ ދައުވާގެ މައްސަލާގެ ޝަރީއަތަށް ވަޑައިނުގެން، އިންޑިއަން ހައިކޮމިޝަންގެ ތެރެއަަށް ވަދެވަޑައިގެންނެވުމަށް ފަހު އަމިއްލައަށް ހިމާޔަތް ހޯއްދެވީ ކޮން ބޭނުމެއްގައިކަން ނަޝީދު މިހާތަނަށް ވެސް ވިދާޅުވެފައެއް ނުވެ އެވެ. ފަހަރުގައި އެއީ ވެސް ނަޝީދު ގެންގުޅުއްވާ ސިޔާސީ "ސްޓަންޓް"ތަކުގެ ތެރެއިން ސްޓަންޓެއް ކަމުގައި ވެސް ވެދާނެ އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މައްސަލާގެ ޝަރީއަތް ހުޅުމާލޭ ކޯޓުގައި ކުރިއަށް ދަނިކޮށް ދާދިފަހުން ރައީސް ނަޝީދު ވަނީ އިންޑިއާ އަށް ވަޑައިގެންފަ އެވެ. ނަޝީދުގެ އެ ދަތުރުފުޅާ ބެހޭ މާބޮޑު ތަފްސީލެއް ރާއްޖެ ވަޑައިގެން ނަޝީދު ދެއްވާފައި ނުވިނަމަވެސް އެމަނިކުފާނުގެ އެދަތުރުފުޅުގައި އިންޑިއާގެ ސަލާމަތީ ބާރުތަކުގެ އިސް ބައެއް ބޭފުޅުންނާ ބައްދަލުކުރައްވާފައިވާ ކަމަށް އިންޑިއާގެ އިސް އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ. އެ އެދަތުރުފުޅަށް ފަހު ނަޝީދު އެނބުރި މާލެ ވަޑައިގެންތަނާ، ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ނަޝީދު ކޯޓަށް ހާޒިރުކުރުމަށް ހުޅުމާލޭ ކޯޓުން ނެރުނު އަމުރެއް ތަންފީޒު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދަނިކޮށް، ނަޝީދު އިންޑިއަން ހައިކޮމިޝަން ތެރެއަށް ވަދެވަޑައިގެންނެވުމަށް ނިންމެވި ނިންމެވުމުގައި ނަޝީދަށް އިންޑިއާ އިން އެއްބާރުލުން ދީފައިވާ ކަމަށް ބެލެވުނެވެ. ނަމަވެސް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ފެނިގެން ދިޔައީ އިންޑިއާއިން ނަޝީދު ހައިކޮމިޝަންގައި ހުންނެވި ހުންނެވުމުގައި ކޮންމެވެސް ވަރަކަށް ހިމޭނުން އޮތް ތަނެވެ.

އިންޑިއާ ހައިކޮމިޝަނުން ނުކުމެވަަޑައިގެންނެވުމަށް ފަހު އެދަތުރުފުޅާ ގުޅިގެން ނަޝީދު ވިދާޅުވީ އެދަތުރުފުޅުގައި އެމައްސަލައާ ބެހޭ އެއްވެސް ވާހަކައެއް އިންޑިއާގެ ސަރުކާރުގެ އިސް ބޭފުޅުންނާ އެކު ދައްކަވާފައިނުވާ ކަމަށާއި އެދަތުރުފުޅުގައި އެމަނިކުފާނު ދެއްކެވިހާ ވާހަކައަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ދިމާވެފައިވާ ހުރަސްތަކުގެ ވާހަކަ އާއި އެމްޑީޕީގެ އިސްލާހީ މެނިފެސްޓޯގެ ވާހަކަތައް ކަމަށެވެ.

ެރައީސް ނަޝީދު އިންޑިއާގެ ހައި ކޮމިޝަނަށް ވަޑައިގެން ހުންނެވި މައްސަލާގައި އިންޑިއާ އިން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ބުނަމުން ގެންދިޔައީ އެ މައްސަލާގައި ދެ ސަރުކާރު ދެމެދުގައި ވާހަކަތައް ދައްކައިގެން ސުލްހަވެރި ހައްލެއް ހޯދައިދިނުމަށް އިންޑިއާ އިން މަސައްކަތް ކުރާނެ ކަމަށެވެ.

ރައީސް ނަޝީދު އިންޑިއަން ހައިކޮމިޝަނަށް ވަޑައިގެންނެވި ފަހުން ހުޅުމާލޭ ކޯޓުން ނަޝީދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ދެ ފަހަރެއްގެ މަތިން އަމުރެއް ނެރުނެވެ. ނަމަވެސް ރާއްޖެއިން ސޮއިކޮށްފައިވާ ވިއެނާ ކޮންވެންސަންގެ މުއާހަދާއާ ހިލާފަކަށް އެއަމުރު ތަންފީޒު ކުރުމުގެ ބާރެއް ފުލުހުންނަކަށް ލިބިފައެއް ނުވެ އެވެ. އޭރު ވެސް ސަރުކާރުން ގެންދިޔައީ ނަޝީދުގެ މައްސަލާގައި އިންޑިއާގެ ސަރުކާރާ މަޝްވަރާތައް ކުރަމުންނެވެ. ދެ ސަރުކާރުގެ ދެމެދުގައި ކުރެވުނު މުއާމަލާތްތަކަށް ފަހު އެމައްސާލާގައި މަޝްވަރާކުރުމަށް އިންޑިއާގެ ހާއްސަ ވަފުދެއް އިންޑިއާއިން ފޮނުވި އެވެ.

ނަޝީދުގެ އިންޑިއަން ހައިކޮމިޝަންގެ ހިމާޔަތް ހޯއްދަވައިގެން އެތަނުގައި ހުންނެވުމަށް ނިންމެވި ނިންމެވުމާ ގުޅިގެން ޖީއެމްއާރުގެ މައްސަލައިގައި ރާއްޖެ އާއި އިންޑިއާ ދެމެދު ޒަމާންތަކެއް ވަންދެއް އުފެދިފައި އޮތް ރަހުމަތްތެރިކަމުގެ ގުޅުމަށް ލޮޅުމެއް އަރާފައިވާ ކަމަށް ދެކެވެމުން ދިޔަ ވާހަކަތަކުގައި ކޮންމެ ވެސް ވަރެއްގެ ހަގީގަތެއް އޮތް ކަން ވަރަށް ބޮޑަށް ހާމަވެގެން ދިޔަ އެވެ. އަދި އިންޑިއާ އިން ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް އަތް ބާނަމުން ގެންދާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔަ އެވެ. އަދި ނަޝީދުގެ މައްސަލައާ ގުޅިގެން ފޮރިން މިނިސްޓްރީން ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ފޮރިން މިނިސްޓްރީ އަށް ހާޒިރުކުރުން ވެގެން ދިޔައީ ވެސް ބޭރު ދުނިޔޭގެ ސަމާލު ކަން ހުއްޓިގެން ދިޔަ ކަމެއްގެ ގޮތުގަ އެވެ.

ނަޝީދު އިންޑިއަން ހައިކޮމިޝަނުން ނުކުމެވެވަޑައިގަތުމަށް ފަހު ފުރަތަމަ މީޑިއާ އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އަދިވެސް ގާއިމްކުރެވިފައިވާ ކަމަށެވެ. ނަމަވެސް ބައެއް ކަހަލަ ކަންކަމުގައި އިންޑިއާ އަށް ރާއްޖެއާ އެއްބަސް ނުވެވޭ ކަންކަން ހުރި ކަަމަށް ދެކެވަޑައިގެންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

ނަޝީދު އިންޑިއަން ހައިކޮމިޝަނަށް ވަދެވަޑައިގެންނެވުމުގެ ބޭނުމަކީ ސީދާ ކޮން ބޭނުމަކުކަން ނޭނގުނު ނަމަވެސް އެކަމުގެ ސަބަބުން ނަޝީދަށް ހާސިލްކުރެއްވުނު އެއް ކަމެއް ހަމަ ޔަގީނުން ވެސް އެބައޮތެވެ. ދުނިޔެ ހޫނުވަމުންދާ މައްސަލާގައި ދުނިޔޭގެ ސަމާލުކަމަށް އެކަން ގެންނެވުމަށް، ރައީސް ނަޝީދުގެ ސަރުކާރުން ރާއްޖޭގެ ކަނޑު އަޑީގައި ބޭއްވި ކެބިނެޓް ބައްދަލުވުމަށް ފަހު "ދަ ސްޓަންޓް މޭން"ގެ ގޮތުގައި ބޭރު ދުނިޔޭގައި ނަޝީދު ސިފަކުރަން ފެށި އެވެ. އެހެން ކަމުގައިވާ އިރު އިންޑިއަން ހައިކޮމިޝަންގައި ހުންނެވި ދުވަސްތަކުގައި ވެސް ބައިނަލް އަގުވާމީ މުޖުތަމައުތަކުގެ އަދި ބޭރު މީޑިއާތަކުގެ ސަމާލުކަން ނަޝީދު ހޯއްދެވި އެވެ. އެ ސަމާލުކަމާ އެކު ރާއްޖޭގެ އިގްތިސާދާއި އަދި ޓޫރިޒަމަށް ލިބުނު ގެއްްލުން ފަހުން ޖެހޭނީ ވަޒަން ކުރާށެވެ.

ނަޝީދުގެ އިންޑިއަން ހައިކޮމިޝަންގައި ހުންނެވި ހުންނެވުމާ ގުޅިގެން އިންޑިއާގެ ސަރުކާރުން އެންމެ ފުރަތަމަ އެހާ ހާމަކަން ބޮޑު ގޮތެއްގައި ސީދާ ވަކި އެއްޗެއް ބުނެފައި ނުވިނަމަވެސް، އިންޑިއާގެ ސަރުކާރުން އެންމެ ފުރަތަމަ ވެސް ބުނަމުން ގެންދިޔައީ އިންޑިއާގެ ސަރުކާރުން ރައީސް ނަޝީދަށް ހިމާޔަތް ދީފައިނުވާނެ ކަމަށެވެ. އަދި ނަޝީދު އިންޑިއަން ހައިކޮމިޝަނުން ނުކުމެވަޑައިގެންފަހުން އިންޑިއާ އިން ބުނީ ނަޝީދު އިންޑިއަން ހައިކޮމިޝަނަށް ވަދެވަޑައިގެންނެވީ ވެސް އަދި ނުކުނެވަޑައިގެންނެވީ ވެސް ނަޝީދު އަމިއްލަފުޅު އިހުތިޔާރުގައި ކަމަށެވެ.

އެ މައްސަލާގައި އިންޑިއާ އާ އެކު އެމެރިކާއިން ވެސް އެމައްސަލަ ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށް ބުންޏެވެ. އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އެފެއާޒް ރޮބަޓް ބްލޭކް އިންޑިއާގެ އައިބީއެން ލައިވް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖޭގެ މައްސަލަ އިންޑިއާ އާ އެކު އެމެރިކާ އިން ވެސް ކައިރިން ބަލަމުން އަންނަ ކަމަށާއި އެކަމުގައި އެމެރިކާ އާއި އިންޑިއާގެ ވިސްނުން ދާދި އެއްގޮތަށް ކަމަށެވެ. އަދި ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބުގައި ހުރިހާ ޕާޓީއަކުން ވެސް އިހުތިޔާރު ކުރާ ކެންޑިޑޭޓަކު ބައިވެރިވުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް އެމެރިކާ އިން ވެސް ގަބޫލުކުރާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ރައީސް ނަޝީދުގެ މައްސަލަ ހައްލުކުރަން ޖެހޭނީ ރާއްޖޭގެ ގާނޫނު އަސާސީއާ ވެސް އެއްގޮތަށް އިންތިހާބަށް އަސަރު ނުކުރާ ގޮތަކަށް ކަމުގައި އޭނާ ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި އުފެދިފައިވާ ހަލަބޮލި ކަމުގެ ވާހަކަ އާއި އިންޑިއާ އާއި ރާއްޖެ އާއި ދެމެދު އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުމަށް ކޮންމެވެސް ވަރެއްގެ ލޮޅުމެއް އަރާފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ސިފަކުރަމުން ދިޔައިރު ރައީސް ނަޝީދު އިންޑިއާގެ ހައިކޮމިޝަނަށް ވަދެވަޑައިގެންނެވި ހިސާބުން ފެށިގެން މެދުނުކެނޑި 11 ރޭ އެމްޑީޕީން މާލެ ތެރޭގައި ނަޝީދުގެ ހިމާޔަތުގައި ގެންދިޔައީ މުޒާހަރާ ކުރަމުންނެވެ. އަދި ނަޝީދުގެ މައްޗަށް އުފުލާފައިވާ ޝަރީއަތް އަނބުރާ ގެންދިއުމަށާއި ހުރިހާ ކެނޑިޑޭޓުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ހަމަހަމަ ކަމާ އެކު އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް އެމްޑީޕީން ގެންދިޔައީ ކެނޑިނޭޅި ގޮވަމުންނެވެ. އަދި އެ ޝަރީއަތް އިންތިހާބުގެ ފަހުން ބޭއްވުމަށް ރައީސް ނަޝީދު ވެސް ވަނީ އެދިވަޑައިގެންފަ އެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް ނަޝީދު އިންޑިއަން ހައިކޮމިޝަނުން ނުކުމެވަޑައިގެންނެވިއިރު ވެފައެއް ނުވެ އެވެ.

އިންޑިއަން ހައިކޮމިޝަނަށް ނަޝީދު ވަދެވަޑައިގެންނެވި ސަބަބެއް ކަމަށް ވަނީ ހުޅުމާލޭގެ ކޯޓުގައި ނަޝީދުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކުރާ ދައުވާގެ ޝަރީއަތުގެ މައްސަލައަށް ވަޑައިނުގެންނެވުމަށް ކަމުގައިވާ އިރު އެތަނުން ނަޝީދު ނުކުމެވަޑައިގެންނެވި އިރުވެސް ނަޝީދުގެ އެޝަރީއަތާ މެދު ވަކިގޮތެއް ވަނީ ނުނިންމަ އެވެ. ރައީސް ނަޝީދުގެ މައްޗަށް އުފުލާފައިވާ އެދައުވާ އަނބުރާ ގެންދިއުމުގެ ވިސްނުމެއް ނުވަތަ މައްސަލަ ލަސްކުރުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް ޖުޑިޝަރީން ރަސްމީކޮށް ބުނެފައެއް ނުވެ އެވެ. އެހެން ކަމުގައިވާ އިރު ނަޝީދު އިންޑިއާގެ ހައިކޮމިޝަންގައި ހުންނެވީ ކޮން ކަމެއް ހާސިލް ކުރެއްވުމުގެ ބޭނުމުގައި ކަމެއް ނޭނގެ އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ މަނިކުފާނުގެ މައްޗަށް އުފުލާފައިވާ އެޝަރީއަތް ރިޔާސީ އިންތިހާބުގެ ކުރިން އުފުލާނެ ކަމަށް ދެކެވަޑައިނުގެންނަވާ ކަމަށާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބްގައި އެމަނިކުފާނުގެ ނަން ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ ކަމަށެވެ. އަދި އެއިންތިހާބް އެމްޑީޕީން ކާމިޔާބް ކުރައްވާނެ ކަމުގެ ވެސް ޔަގީން ކަން ނަޝީދު ވަނީ އެމްޑީޕީގެ ސަޕޯޓަރުންނަށް ދެއްވާފަ އެވެ.

ރާއްޖޭގެ ފަނޑިޔާރުންނާއި ވަކީލުންނާއި ޝަރުއީ ދާއިރާގެ މިނިވަންކަން އޮތް މިންވަރު ބެއްލެވުމަށް އދ. އިން ރާއްޖެ ވަޑައިގެނމް ހާއްސަ މަންދޫބު ގެބްރިއޭލާ ނައުލް ވިދާޅުވި ގޮތުގައި އެންމެންގެ މައްޗަށް ވެސް ގާނޫނު ހިނގަން ޖެހޭނެ ކަމަށާއި މައްސަލަތައް ބަލަން ޖެހޭނީ ވަކި މީހަކަށް ބެލުމަށްނެތި ކަމަށެވެ. އަދި މައްސަލަތައް ލަސްކުރުމަކީ އިންސާފު ނުލިބުން ކަމުގައި އެކަމަނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބްގެ ކުރިން ނަޝީދުގެ މައްޗަށް އުފުލާ ދައުވާގެ ޝަރީއަތް ކުރިއަށް ނުގެންދަވާނެ ކަމަށް ނަޝީދު ބާރުލާ ވިދާޅުވާ ވާހަކަތަކަކީ އިންޑިއަން ހައިކޮމިޝަނަށް ވަޑައިގެން ނަޝީދު ހާސިލްކުރެއްވި ހިތްވަރެއް ކަމުގައިވެސް ވެދާނެ އެވެ. ނުވަތަ އެމްޑީޕީގެ ސަޕޯޓަރުންގެ ކިބައިން ހިތްވަރު ލިބިވަޑައިގެން ވިދާޅުވަމުން ގެންދާ އެއްޗެއް ކަމުގައިވެސް ވެދާނެ އެވެ. ނަމަވެސް އެއްވެސް ޝަރީއަތެއް ފަސްކުރުމަކަށް ގާނޫނު އަސާސީން ވެސް ބާރު އަޅާފައިނުވާއިރު އެކަންތައް އެގޮތަށް ވެގެންދާނެ ކަމަކަށް އަދި ނުބެލެވެ އެވެ.