ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ފަހުން ބޭއްވުމުން އޭގެ ސަބަބުން އެއްވެސް ރައްޔިތަކަށް ގެއްލޭނެ ހައްގެއް ނެތް ކަމަށް އެ ދައުވާ ލިބިވަޑައިގަންނަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އިންޑިއަން ހައިކޮމިޝަނުގައި 11 ދުވަސް ވަންދެން ހުންނެވުމަށް ފަހު ނިކުމެވަޑައިގެން ފަހުން އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ރިޔާސީ އިންތިހާބަށް ފަހު ކުރިއަށް ގެންދިއުމަކުން ރައްޔިތަކަށް ވާނެ އެއްވެސް ގެއްލުމެއް ނެތް ކަމަށެވެ.

"އަޅުގަނޑުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ރިޔާސީ އިންތިހާބުގެ ފަހަށް ފަސްކުރުމަކުން އެއްވެސް ބޭފުޅެއްގެ ހައްގަކަށް އެއްވެސް ބޭފުޅެއްގެ އިތުރު ހައްގަކަށް ހުރަހެއް އަންނާކަށް އަދި ގެއްލެއް ވާކަމަށް އަޅުގަނޑުކަށް ނުފެނޭ،"

ރައީސް ނަޝީދު ވިދާޅުވީ ގާނޫނީ އެކި ބޭފުޅުން ވެސް އެމަނިކުފާނަށް ލަފާ ދީފައިވަނީ އެގޮތައް ކަމަށާއި އަދި އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ޝަރީއަތް ފަސްކުރާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.


"އަޅުގަނޑު ގާތުގައި ހައްގުތަކާ ބެހޭ މައުލޫމާތު އެނގޭ ލޯޔަރުން ވެސް ވިދާޅުވަނީ މި ދަންނަވާހެން އަޅުގަނޑުގެ ޝަރީއަތް ލަސްކޮށްގެން އިތުރު ރައްޔިތަކަށް ވެވޭނެ ގެއްލުމެއް ނެތޭ. އެ ޝަރީއަތް ލަސްނުކޮށްފި ނަމަ އެތައް ބައެއް ހައްގުތަކަށް އަރައިގަނެވޭނެ. އަޅުގަނޑުގެ އުއްމީދަކީ އަދި ޔަގީން ކުރަނީ އިންތިހާބުގެ ފަހަށް ޝަރީއަތް ލަސްވާނެ ކަމަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން އެމަނިކުފާނު މައްޗަށް މިހާރު ފަށާފައިވާ ދައުވާ ކޮށްގެން ސިޔާސީ ފަރާތްތަކަށް ލިބެން އޮތް ފައިދާއެއް އެނގިވަޑައިނުގަންވާ ކަމަށާއި އެ ފައިދާ އެ ބޭފުޅުން ވިދާޅުވުމަށް އެދިވަޑައިގަންވާ ކަމަށްވެސް ރައީސް ވަނީ ރޭ ވިދާޅުވެފަ އެވެ.

"މި ޝަރުއީ ނިޒާމްގެ ތެރެއިން އަޅުގަނޑުގެ މައްޗަށް ކުރަން ފަށާފައިވާ ދައުވާ ކޮށްގެން ލިބެން އޮތް ފައިދާއެއް، ލިބެން އޮތް މަންފާއެއް އަޅުގަނޑުމެނަށް ވަރަށް އުނދަގޫ ހޯދަން. އަޅުގަނޑު އެދެން ރާއްޖޭގެ ވާދަވެރި ސިޔާސީ ވާދަވެރިން ކިބައިންވެސް އެފަދަ ފައިދާއެއް އޮތް ނަމަ އެ ވާހަކައެއް ވެސް ދެއްކެވުމަށް،"

ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި އެމަނިކުފާނާ ދެކޮޅަށް ކުރާ ދައުވާ އަކީ ސިޔާސީ މަގުސަދެއްގައި ކުރާ ދައުވާއެކެވެ.