އަށާރަ ސަތޭކަ ފަންސާސް ވަނަ އަހަރު އިންޑިއާ އިން އިނގިރޭސިވިލާތަށް ގެންދިއުމަށް ފަހު، އިނގިރޭސި ރާނީގެ ޝާހީ ތާޖުކޮޅުގައި ހަރުކޮށްފައިވާ އިންޑިޔާގެ "ކޯހިނޫރު" އަލިމަސް އިންޑިޔާ އަށް އަނބުރައި ރައްދެއް ނުކުރާނެ ކަމަށް އިނގިރޭސިވިލާތުން ބުނެފި އެވެ.

މިދިޔަ ހަފުތާގައި އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިނގިރޭސި ބޮޑު ވަޒީރު ޑޭވިޑް ކެމަރޮން ވިދާޅުވީ އެފަދަ އާސާރީ ތަކެތި ރައްދުކުރުމަކީ ކެމަރޮން ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށާއި އޭގެ ބަދަލުގައި ބްރިޓިޝް މިއުޒިއަމް ފަދަ ސަގާފީ އިންސްޓިޓިއުޝަންތަކުން އެފަދަ އާސާރީ ޖަވާހިރުތައް ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތް ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ.

އިނގިރޭސިވިލާތުން އިންޑިއާގައި ވެރިކަން ކުރަމުންދިޔަ ދުވަސްވަރުގައި އޭރު އިނގިރޭސި ރާނީއަކަށް ހުންނެވި ކުއީން ވިކްޓޯރިއާ އަށް "ކޯހިނޫރު" ޑައިމަންޑް ހަދިޔާކޮށްފައި ވަނީ އިންޑިއާގައި އޭރު ހުންނެވި އިނގިރޭސި ގަވަރުނަރު ޖެނެރަލްގެ ބެލުމުގެ ދަށުންނެވެ.

ބަރުދަނުގައި 37 ގުރާމުން ހުންނަ ކޮހިނޫރު އަލިމަހަކީ ދުނިޔެއިން މިހާތަނަށް ފެނިފައިވާ ގުދުރަތީ އެންމެ ބޮޑު އެއް ހުދު އަލިމަހެވެ.

ނަވާރަ ސަތޭކަ ނުވަދި ހަތެއްގައި އިނގިރޭސި ރާނީ ކުއީން އެލިޒަބަތު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާގެ ބައެއް އާއްމުން ވަނީ ކޯހިނޫރު އަލިމަސް އިންޑިއާ އަށް ރައްދުކޮށްދިނުމަށް ގޮވާލާފަ އެވެ. އޭގެ ފަހުން އިންޑިއާގެ ގިނަ ބަޔަކު ދަނީ މިއަލިމަހަކީ އިންޑިއާގެ އެއްޗެއް ކަމަށް ވާތީ، އެއަލިމަސް ރައްދުކުރުމަށް އެދެމުންނެވެ.

އިނގިރޭސި ތަހުތަށް ދެން އިސްވެވަޑައިގަންނަވާނެ ކަމަށް ގިނަ ބަޔަކު ދެކޭ ޕްރިންސް ވިލިއަމް ތަހުތަށް އިސްވެވަޑައިގެންފި ނަމަ، ވިލިއަމްގެ އަނބިކަނބަލުން އަދި ކުއީން ކޮންސޯޓް ޕްރިންސެސް ކޭޓް ރަސްމީ އިހްތިފާލުތަކުގައި ކޯހިނޫރު ހަރުކުރެވިފައިވާ ޝާހީ ތާޖުކޮޅު ތުރުކުރައްވާނެ ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެ އެވެ.