ގައުމީ ބާސްކެޓް ބޯޅަ މުބާރާތުގެ ތިން ވަނަ ޑިވިޒަންގެ ސެމީފައިނަލުގެ ދެވަނަ މެޗުގައި ޓީ-ރެކްސް ސްޕޯޓްސް އެކަޑަމީއާއި ވާދަކޮށް ފަސޭހަކަމާ އެކު މެޗު ކާމިޔާބުކޮށް ވިޔަންސާ ފައިނަލާ ކައިރިއަށް ޖެހިލައިފި އެވެ.

މިރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ސެމީފައިނަލުގެ ދެވަނަ މެޗު ގައި ޓީ-ރެކްސްއާއި ވާދަކޮށް ވިޔަންސާއިން މެޗު ކާމިޔާބު ކުރީ 87 ޕޮއިންޓު 21 ޕޮއިންޓުން ނެވެ.

ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ވިޔަންސާއަށް އެންމެ ގިނަ ޕޮއިންޓު ހޯދައި ދިނީ 42 ޕޮއިންޓް އެޓީމަށް ހޯދައިދިން ނަޝާތު ޝަރީފް އެވެ. އޭނާއަށް ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ލިބިފަ އެވެ. ޓީ-ރެކްސް ސްޕޯޓްސް އެކަޑަމީ އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 10 ޕޮއިންޓް ހޯދައިދިން މުހައްމަދު އަޒްމާމް އެވެ.

މިރޭގެ މެޗުން ވިޔަންސާ މޮޅުވުމުން އަންގާރަ ދުވަހުގެ ރޭ 9:00 ގައި ދެން އެޓީމު ވާދަކުރަން ޖެހޭނީ ސެމީފައިނަލުގެ ފުރަތަމަ މެޗުން ބަލިވި ޑީ ބާސްކެޓް ބޯލް ކުލަބާ އެވެ. އެމެޗުން މޮޅުވާ ޓީމެއް މިމަހު 28 ވަނަ ދުވަހުގެ ރޭ 9:00 ގައި ކުޅުމަށް ހަމަޖެހިފައިވާ ފައިނަލުގައި ވާދަކުރަން ޖެހޭނީ އެލްކިޔު ސްޕޯޓްސް ކުލަބާ އެވެ.