24 Feb 2013, 20:51
ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ބަޔަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 26 އަހަރުގެ މީހަކާއި އުމުރުން 27 އަހަރުގެ މީހެއްގެ އިތުރުން 29 އަހަރުގެ މީހެއް ކަމަށެވެ.
އެ ތިން މީހުން ފުލުހުން ހައްޔަރުކޮށްފައި ވަނީ ރާއްޖެއައި ފުލައިޓަކުން މީހަކު ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ބުދަ ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ އޮޕަރޭޝަނުގައި ފުރަތަމަ ހައްޔަރުކޮށްފައި ވަނީ ރާއްޖެއައި އުމުރުން 26 އަހަރުގެ މީހާ ކަމަށާއި އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުލޭ ފެރީއިން މާލެ ފޭބިތަނުން ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި 27 އަހަރުގެ މީހާއާއި 29 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ 26 އަހަރުގެ މީހާ މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުން އެތަކެއްޗާއި ހަވާލުވުމަށް އަމަލީގޮތުން ހަރަކާތްތެރިވެ އެތަކެތީގެ ވިޔާފާރިކުރުމަށް ރާއްޖޭގައި ހަރަކާތްތެރިވާކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ވެސް ފުލުހުން ބުންޏެވެ
އެ މައްސަލައާއި ގުޅިގެން ހައްޔަރު ކުރި 26 އަހަރުގެ މީހާގެ ހަށިގަނޑުގެ ތެރޭގައި މަސްތުވާތަކެތި ރައްކާކޮށްފައިވަނިކޮށް ފުލުހުންގެ ބެލުމުގެ ދަށުން އެކިފަހަރު މަތިން އެ މިހާ ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 21 ބްލެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ އިތުރުން މި މަހުގެ 16 ވަނަ ދުވަހު ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމަށް ބެލެވޭ އުމުރުން 29 އަހަރުގެ ފިރިހެނަކު ކަސްޓަމްސް އިން ފުލުހުންނާ ހަވާލުކުރުމުން ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން އެކި ފަހަރު މަތިން އެމީހާ ބޮޑުކަމުދިޔަ ތަކެތީގެތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 99 ބެލްޓް ފެނިފައިވާ ކަމަށެވެ. އަދި އެ ތަކެތި ރާއްޖެއަށް އެތެރެކުރުމާއި ވިޔަފާރިކުރުމުގައި ހަރަކާތްތެރިވާ މީހުން ހޯދުމަށްޓަކައި ޑްރަގް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެތަކެތި ރާއްޖެއަށް އެތެރެކުރުމުގައި ބައިވެރިވިކަމަށް ބެލެވޭ އުމުރުން 28 އަހަރުގެ ދެ ދިވެހިން ވެސް ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.