އެކުވެރި ދައުލަތްތައް (އދ) ގެ ޚާއްސަ މަންދޫބު ގެބްރިއެލް ނައުލްގެ ހޯދުންތަކަށް ސަރުކާރުން މަރުހަބާ ކިޔައިފި އެވެ.

އދގެ ތަޖުރިބާކާރު ގެބްރިއެލް ނައުލްގެ ހޯދުންތަކާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ނައުލްގެ ހޯދުންތަކަށް ބަންޑާރަ ނާއިބް މަރުހަބާ ކިޔާފައިވާއިރު، ރާއްޖޭގެ ޝަރުއީ ނިޒާމްގެ ގިނަ ކަންތައްތައް އަވަސް މުސްތަގުބަލެއްގައި އިސްލާހުކުރަން ޖެހިފައިވާ ކަން އާޒިމާ ޝުކޫރު ފާހަގަކުރެއްވި ކަމަށެވެ.

"އާޒިމާ ވަނީ ނައުލްގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދަން ޖެހޭ މަސައްކަތްތަކުގައި ބޭރުގެ ޖަމިއްޔާތަކާ ގައުމުތަކުގެ އެހީތެރިކަން ބޭނުންވާނެ ކަން ފާހަގަކުރައްވާފައި" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ގާނޫނީ ވަކީލުންނާއި ފަނޑިޔާރުންގެ މިނިވަންކަމާ ބެހޭ އދގެ ރެޕަޓުއާގެ ދަތުރުފުޅު މިރޭ ނިންމަވާލެއްވުމަށް ހަމަޖެހިފައިވާއިރު، އެކަމަނާގެ ރިޕޯޓުގައި ވަނީ ރާއްޖޭގެ ޝަރުއީ ދާއިރާގައި ހުރި ގިނަ މައްސަލަތަކެއް ފާހަގަކޮށްފަ އެވެ. މިގޮތުން ރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ރަނގަޅަށް ހިނގައި ގަންނަން ބޭނުންވާ ބައެއް މުހިއްމު ގާނޫނުތައް ނެތް ކަމަށާއި، މީގެ ތެރޭގައި ގާނޫނުލް އުގޫބާތާއި މަދަނީ އިޖުރާއަތުގެ ގާނޫނު ފަދަ މުހިންމު ގާނޫނުތައް ނެތްކަން ނައުލް ވަނީ ފާހަގަކޮށްފަ އެވެ.

ކޯޓުތަކުގެ މުވައްޒަފުންނާ ދައުލަތުގެ ވަކީލުން އަދި ފަނޑިޔާރުން ޒިންމާދާރު ކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތް އިރު، އެފަދަ މީހުން ރަނގަޅަށް ޓުރެއިން ކުރެވޭނެ ނިޒާމެއް ވެސް ނެތް ކަން ނައުލްގެ ހޯދުންތަކުގައި ވަނީ ފާހަގަކުރައްވާފަ އެވެ.

ގެބްރިއެލް ނައުލްގެ ޕްރިލިމިނަރީ ހޯދުންތައް ނިންމާލުމުގައި، އެކަމަނާ ވަނީ ރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުއާއި، އދ ގެ އެހެނިހެން އެޖެންސީތަކުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް ގޮވާލައްވާފަ އެވެ.