15 Mar 2010, 15:46
19:00
ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރި ހ. ރީނދޫގޭ، އާދަމް ނަސީރު އަބޫބަކުރުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ހައިކޯޓުން މިއަދު އަމުރެއް ނެރެފި އެވެ.
އާދަމް ނަސީރުގެ ޕާސްޕޯޓް ހިފެހެއްޓުމަށް އެކޯޓުން ނެރެފައިވާ އަމުރުގައި ވަނީ އާދަމް ނަސީރުގެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްތިއުނާފް ކޮށްފައިވާތީ، އެ މައްސަލައާ މެދު ހައިކޯޓުން ވަކި ގޮތަކަށް ނިންމަންދެން ނުވަތަ އެ މައްސަލާގައި ހައިކޯޓުން ވަކި އެއްޗެއް ބުނަންދެން އޭނާގެ ޕާސްޕޯޓް އިމިގްރޭޝަނުން ހިފަހައްޓައިދިނުމަށް ކަމަށް ހައިކޯޓުގެ އޮފިޝަލަކު ވިދާޅުވި އެވެ. އަދި އެ އަމުރަކީ އިމިގްރޭޝަނަށް ރައްދުވާ އަމުރެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އާދަމް ނަސީރުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކޯޓުން އަމުރެއް ނެރެދިނުމަށް އެދުނީ އޭނާ ފިލައިގެން ދާންއުޅޭ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ކަމަށެވެ.
އާދަމް ނަސީރުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ބުނެ ޖިނާއީ ކޯޓުން ކޮށްފައިވާ ހުކުމާ ގުޅިގެން ޕީޖީ އޮފީހުން ވަނީ އެމައްސަލަ އިސްތިއުނާފަށް ހައިކޯޓަށް ހުށަހަޅާފަ އެވެ. އަދި ޕީޖީ އޮފީހުގެ އެދުމުގެ މަތިން ހައިކޯޓުން މިމަހުގެ ހަތް ވަނަ ދުވަހު ވަނީ އާދަމް ނަސީރާއި އޭނާގެ އަންހެނުންނާއި ދަރިފުޅުގެ ބޭންކު އެކައުންޓުތައް ހިފެހެއްޓުމަށް ކޯޓު އަމުރެއް ނެރެދީފަ އެވެ.
އާދަމް ނަސީރުގެ ދިރިއުޅޭ ސ. ހިތަދޫ ލައިޓް ޝެޑޯ އާއި މާލޭގައި އޭނާ ދިރިއުޅޭ ހ. ރީދޫގެއިން ގެއިން ފެނުނު 5.5 މިލިއަނަށް ވުރެ ގިނަ ފައިސާ އަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދައިފައިވާ ފައިސާކަން ކަނޑައަޅައި ދެވެން ނެތް ކަމަށް ޖިނާއީ ކޯޓުން ކޮށްފައިވާ ހުކުމްގައިވަނީ ބުނެފަ އެވެ.