24 Feb 2013, 18:43
ރާއްޖޭގެ އުތުރަށް ނިސްބަތްވާ ދެ ރަށަކުން ތިން ކައުންސިލަރަކު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް މިއަދު ސޮއިކޮށްފި އެވެ.
މިއަދު މެންދުރު ފަހު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕާޓީ އާ އަލަށް ގުޅުނު ކައުންސިލަރުންނަކީ ނ. ހޮޅުދޫ ކައުންސިލްގެ ރައީސް އަބްދުލްއަޒީޒް އިބްރާހިމް އާއި، ޅ. ނައިފަރު ކައުންސިލްގެ ދެ މެމްބަރުން ކަމަށްވާ އަރަފާތު މުހައްމަދު އާއި، މަހުމޫދު އަބްދުލް ހަމީދު އެވެ.
ޕީޕީއެމް އާ މިއަދު އަލަށް ގުޅުނު ކައުންސިލަރުން އެ ޕާޓީގެ މެމްބާޝިޕް ފޯމްގައި ސޮއިކުރެއްވީ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ކުރިފުޅު މަތީގަ އެވެ. އަދި އެ ފޯމްތަކާއި ހަވާލުވެ ވަޑައިގަތީ ވެސް އެމަނިކުފާނެވެ.
ފަހަކަށް އައިސް ވަރަށް ގިނަ އަތޮޅުތަކުގެ އަތޮޅު ކައުންސިލަރުންނާއި ރަށު ކައުންސިލްތަކުގެ ކައުންސިލަރުން އަންނަނީ ޕީޕީއެމް އާ ގުޅެމުންނެވެ. އަދި އޭގެ އިތުރުން އާއްމު ރައްޔިތުންގެ ތެރެއިން ވެސް ވަރަށް ގިނަ ބަޔަކު އަންނަނީ އެ ޕާޓީ އާ ގުޅެމުންނެވެ.