އެންމެންގެ މައްޗަށް ވެސް ގާނޫނު ހިނގަން ޖެހޭނެ ކަމަށް ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަން ބަލާ އދ.ގެ ހާއްސަ މަންދޫބު ގެބްރިއެއްލާ ނައުލް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ފަނޑިޔާރުންނާއި ވަކީލުންނާއި ޝަރުއީ ދާއިރާގެ މިނިވަންކަން އޮތް މިންވަރު ބެއްލުވުމަށް، ރާއްޖޭގައި ކުރެއްވި މަސައްކަތް ނިންމަވާލެއްވުމަށް ފަހު ޓްރޭޑާސް ހޮޓަލުގައި މިއަދު ބޭއްވެވި ނޫސްކޮންފަރެންސެއްގައި އޭނާ މިހެން ވިދާޅުވީ "ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ލަސްކުރުމާ މެދު ދެކެވަޑައިގަންނަވަނީ ކިހިނެތްތޯ؟" ނޫސްވެރިއަކު ސުވާލުކުރުމުންނެވެ.

"ކުރީގެ ރައީސް ނަޝީދުގެ ޝަރީއަތް ލަސްކުރުމަށް ގިނަ އަދަދެއްގެ ރައްޔިތުން އެދެމުންދޭ. މުޒާހަރާތައް ދަނީ ކުރަމުން. މިކަންތައްތައް މިހެން ހުރި އިރު، މިކަންތައްތަކަށް ބަލައި ޝަރީއަތް ލަސްކުރުމާ މެދު ކަމަނާ ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ؟" ސުވާލު ކުރުމުން ގެބްރިއެއްލާ ވިދާޅުވީ "ރާއްޖޭގައި 2008 ވަނަ އަހަރު ތަސްދީގުކުރި ގާނޫނު އަސާސީއެއެއް އެބަ އޮތް [ކަމަށާއި] އެ ގާނޫނު އަސާސީގައި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ވަރަށް ރަނގަޅު އުސޫލުތައް އެބަހުރި" ކަމަށެވެ. އަދި "އެ ގާނޫނު އަސާސީ ތަންފީޒުވުމަށް ޓަކައި މި މަރުހަލާތައް ކުރިއަށްދާން ޖެހޭނެ [ކަމަށާއި] ޝަރުއީ ނިޒާމު ހިނގުމަށް ޓަކައި، ގާނޫނު މުގުރާ އެންމެންގެ މައްޗަށް ވެސް ޝަރީއުއީ ،މަރުހަލާ ކުރިއަށް ދާން ޖެހޭނެ" ކަމަށެވެ.

"އަންނަ ރިޔާސީ އިންތިހާބުގައި ނަޝީދުއާ ވާދަކުރައްވާނެ ކެންޑިޑޭޓަކު ޖުުޑިޝަލް ސާވިސް ކޮމިޝަނުގައި އިންނަވައިގެން، ނަޝީދުގެ މައްސަލަ ބަލާ ކޯޓްގެ ފަނޑިޔާރުން އައްޔަށްކޮށްފައިވުމާ މެދު ދެކެވަޑައިގަންނަ ވަނީ ކިހިނެއްތޯ؟" ދެންނެވުމުން އޭނާ ވިދާޅުވީ "ޓެކްނިކަލް މީހެއްގެ ހައިސިއްޔަތުން، ފަނޑިޔާރުން ހަމަޖައްސާފައި ވަނީ ގާނޫނާ ހިލާފަށް، ގާނޫނުގެ އިމުގެ ބޭރުން." ކަމަށެވެ.

"ޝަރުއީ ނިޒާމުގެ ތެރޭގައި އެތައް މައްސަލަތަކެއް ހުރި އިރު، އެތައް ކަމެއް ރަނގަޅު ކުރަން ޖެހޭ އިރު، ހައި ޕްރޮފައިލް މައްސަލައެއް ކުރިއަށް ގެންދިއުންތޯ ރަނގަޅީ؟ އެމައްސަލަ ލަސްކުރުންތޯ ރަނގަޅީ"؟ ސަން އިން ދެންނެވުމުން އޭނާ ވިދާޅުވީ "ޝަރުއީ ނިޒާމު އެންމެންގެ މައްޗަށް ވެސް ހިނގަން ޖެހޭނެ ކަމަށާއި މައްސަލަ ހުށައެޅިފައި ވަނީ ކާކުގެ މައްޗަށްތޯ އެކްސް ނޫނީ ޒީގެ މައްޗަށްތޯ ބަލައި މައްސަލަތައް ސެލެކްޓް ކުރެވިގެން ނުވާނެ" ކަމަށެވެ. އަދި ވިދާޅުވީ އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން ކަމަށެވެ.

ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ކުރިން ދެއްވި ސްޓޭޓްމެންޓްގައި އޭނާ ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމުގައި ރަނގަޅުކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި ޖުޑިޝަލް ސާވިސް ކޮމިޝަން ވެސް އޮތީ ވަރަށް ބޮޑަށް ސިޔާސީވެ، އަދި ނުފޫޒުފޯރުވޭ ފަދަ ގޮތަކަށް ކަމަށް މައުލޫމާތު ލިބިވަޑައިގަންނަވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ކޮމިޝަނުގައި މުޅިން ވެސް ތިއްބަވަން ޖެހޭނީ ފަނޑިޔާރުންނާއި ރިޓަޔާކުރައްވާފައިވާ ފަނޑިޔާރުންނާއި އެކަޑަމިކް ދާއިރާގެ މީހުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.