ހދ. ކުޅުދުއްފުށީ ބަނދަރު ސަރަހައްދުން ދުއްވާފައި ދިޔަ ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހެއްގެ ކަނާތު ފައިގެ ބޮޑުވާ އިނގިލި ބުރިވެއްޖެ އެވެ.

ކުޅުދުއްފުށީ ކައުންސިލް މެމްބަރު ޖަމްޝީދު މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ އެ އެކްސިޑެންޓް ހިނގީ މިއަދު މެންދުރުގެ ވަގުތެއްގައި ކުޅުދުއްފުށީ ބަނދަރު ސަރަހައްދުން ދެ ސައިކަލް ދުއްވާފައިދަނިކޮށް ކަމަށާއި އެ އެކްސިޑެންޓްގައި ފައިގެ ބޮޑުވާ އިނގިލި ބުރިވެފައި ވަނީ އެ ރަށު ރުއްވަލުގެ، އަހުމަދު ހުސައިން، 33،ގެ ކަމަށެވެ.

އެކްސިޑެންޓްވި ދެ ވަނަ ސައިކަލްގައި ދެ މީހަކު ތިބި ކަމަށާއި އެ ދެ މީހުންނަށް ވެސް އެެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކްސިޑެންޓްވި އެއް ސައިކަލް ދުއްވަން އިނީ 19 އަހަރުގެ ޒުވާނެކެވެ. އެކްސިޑެންޓްވި ތިން މީހުނަށް ވެސް ކުޅުދުއްފުށީ ހޮސްޕިޓަލުން ގެންދަނީ ފަރުވާދެމުންނެވެ.

އެ އެކްސިޑެންޓާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

"އެކްސިޑެންޓްވި ތިން މީހުންނަށް ވެސް ވަނީ އަނިޔާވެފައި. ފައިގެ ބޮޑުވާ އިނގިލި ބިންދައިގެން ދިޔަ މީހާ ދުއްވަން އިން ސައިކަލްގެ އިންޖީނާ ދިމާލުން އަނެއް ސައިކަލް ޖެހިފައި އިނީ. ދެ ސައިކަލަށް ވެސް ވަނީ އެކިވަރުގެ ގެއްލުންތައް ވެފައި،" ޖަމްޝީދު ވިދާޅުވި އެވެ.

އަހުމަދު ހުސެއިންގެ ފައިގެ ބޮޑުވައި އިނގިލީގެ ބޮޑު ބައެއް އެކްސިޑެންޓްގައި ބުރިވެފައިވާތީ އޭނާގެ އިނގިލީގެ އޮޕަރޭޝަނެއް ކުރަންޖެހޭތީ އޭނާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އާއިލާއާ ހަވާލާދީ ޖަމްޝީދު ވިދާޅުވި އެވެ.