24 Feb 2013, 17:52
ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މޯލްޑިވްސް މީޑިއާ ކައުންސިލަށް މައްސަލަ ހުށަހެޅޭނެ ނިޒާމެއް އެ ކައުންސިލުން ތައާރަފްކޮށްފި އެވެ.
ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ހިނދުކޮޅެއްގެ ތެރޭގައި ޝަކުވާ ހުށަހެޅި އަދި ބަލައިގަތުމުގެ ނިޒާމެއް މިއަދު ތައާރަފް ކުރީ އެ ކައުންސިލްގެ ވެބްސައިޓް www.mmc.org.mv ގަ އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން މިއަދު ބުނީ މީޑިއާ އިން ޝާއިއުކުރާ ތަކެއްޗާއި ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކާއި މީޑިއާ އިން ލިބޭ މައުލޫމާތާ ބެހޭ ގޮތުން އުފެދޭ ޝަކުވާތައް އެ ކައުންސިލަށް ހުށަހެޅުމުގެ ފުރުސަތު ކޮންމެ މީހަކަށް އަދި ކޮންމެ ފަރާތަކަށް ލިބިގެންވާ ކަމަށެވެ. އަދި އޭގެ އިތުރުން ނޫސްވެރިން އެމީހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ލިބޭ ގެއްލުންތަކާ ބެހޭ ގޮތުން ވެސް އެ ކައުންސިލަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ލިބެގެންވާ ކަމަށެވެ.
އެ ކައުންސިލުން ބުނީ ޝަކުވާ ހުށަހެޅުމުގައި ޝަކުވާ ހުށަހަޅާ ފަރާތުން ހުށަހަޅަން ޖެހޭ އެންމެހާ މައުލޫމާތުތައް ފޮނުވޭނެ ގޮތަށް އެ ކައުންސިލްގެ ވެބްސައިޓް ފަރުމާކޮށްފައިވާނެ ކަމަށެވެ. އަދި އެ ކައުންސިލަށް ހުށަހަޅާ ޝަކުވާތައް ބެލުން އަވަސް ކުރުމަށް ޓަކައި ޝަކުވާއެއް ހުށަހަޅާ އިރު ފުރިހަމަ ކުރަން ޖެހޭ ހުރިހާ މައުލޫމާތާއި، ތަކެތި އެ ޝަކުވާއެއް ހުށަހަޅާ އިރު އެ ކައުންސިލަށް ފޮނުވަން ޖެހޭނެ ކަމަށެވެ.