24 Feb 2013, 17:21
މާލޭގެ އެއް ނަމްބަރު ކުނިކޮށި ހުސްކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއު މިއަދު ވިދާޅުވީ ކުނި ގޮނޑު ހުސްކުރުމުގެ މަސައްކަތް މިއަދު ހެނދުނުން ފެށިގެން ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށާއި ނަމަވެސް އެއީ އަދި މުޅިން އެކަމަށް އޮތް ހައްލު ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި މިހާރު ކުރަމުން ގެންދާ މަަސައްކަތަކީ ފުނިޖެހިފައިވާ ކުނިގޮނޑު ކޮންމެވެސް ވަރަކަށް ތިރިކޮށްލުމުގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިބޭނުންވާ ވަރަށް ތަން ހުސްކޮށް ލެވޭނެ ހަފްތާއެއްހާ ދުވަހު، އެކަމު އެއީ އެ މަސައްކަތް ކުރުމަށް ބޭނުންކުރާ ވެހިކަލްތަކަށް ބޭނުންވާ ތެޔޮ ލިބުން މެދު ނުކެނޑި ލިބެންޔާ. ކުނިގަނޑު ތިރިކޮށްލުން އެއީ މިހާރު ހަަޖެހިފައި އޮތް ގޮތަކީ، މުޅި ގޮނޑު ހުސްކުރުމަށް ފައިސާއެއް ނުލިބޭ،" ސުޖާއު ވިދާޅުވި އެވެ.
ކުނިގޮނޑު ފުރިފައިވަނިކޮށް، އެތަނުގެ ބައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގި ފަހުން އެސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އެކަމުގެ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ އިރު އެކަމުގެ އުނދަގޫ އެންމެ ބޮޑުވެފައި ވަނީ އެސަރަހައްދުގައި ހުންނަ އިމާދުއްދީން ސްކޫލަށެވެ. އެސްކޫލްގެ ކިޔެވުން ކުނިގަނޑުން އަރަމުންދާ ދުމާ އަރާ ނުބައި ވަހުގެ ސަބަބުން ދޭތެރެ ދޭތެރެއިން މެދު ކަނޑާލުމަށް ފަހު މިއަދު އަލުން ވަނީ ކިޔަވާދޭން ފަށައިފަ އެވެ.
ސުޖާއު މިއަދު ވިދާޅުވީ އިމާދުއްދީން ސްކޫލްގެ ކިޔެވުން މިއަދު އަލުން ފެށި ނަމަވެސް ހަފްތާއެއްހާ ދުވަހު ސްކޫލް ބަންދުކުރާ ގޮތަށް ކުރިން ސިޓީ ކައުންސިލާ އެކު ސްކޫލުން ވާހަކަ ދައްކާފައިވާ ކަމަށެވެ. ނަމަވެސް މިހާރު ކުނިގަނޑުގެ ވަސް ކުޑަވެފައިވާތީ ސްކޫލް ބަންދުކުރަން ޖެހޭނެ ކަމަށް ދެކެވަޑައި ނުގެންނަވާ ކަމަށް ސްކޫލުން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސްކޫލުން ނިންމާފައި އޮތީ މާދަން ފެށިގެން ސްކޫލް ބަންދުކުރަން. މިއަދު ޕްރިންސިޕަލް ވިދާޅުވި މިހާރު މިދާވަރުން ހިއެއް ނުވެއޭ ސްކޫލް ބަންދުކުރަން ޖެހޭނެ ކަމަށް. އެހާވަރަށް ކުނިގޮނޑުގެ ވަސް ނުދުވާ ކަމަށް ވެސް ވިދާޅުވި. ނަމަވެސް އަޅުގަނޑުމެން ބުނިން އެކަމުގެ ޒިންމާ ސިޓީ ކައުންސިލުން ނުނަގާނަމޭ. ކުނިގަނޑު ސާފުކުރަމުން ދަނިކޮށް ވައި ހުންނަ ގޮތަކުން ސްކޫލަށް ވަސް ވަދެގެން ސްކޫލް ބަންދު ކުރަންޖެހިއްޖެއްޔާ އެކަމުގެ ޒިންމާ މިކައުންސިލުން ނުނަގާނެ ކަމަށް. އެހެންވެ އެއީ ހައްލެއް ކަމަށް ނުނިންމުމަށް ސްކޫލްގައި އެދިފައިވާނެ،" ސުޖާއު ވިދާޅުވި އެވެ.
ކުނިގޮނޑު ފުރިގެން އެ މައްސަލަ ބޮޑުވެފައިވަނިކޮށް ފިނޭންސް މިނިސްޓްރީން ވަނީ އެކަމަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލަށް އަށް މިލިއަން ރުފިޔާ ދިނުމަށް ހަމަޖައްސައިފަ އެވެ. ނަަމަވެސް އަދިވެސް އެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބިފައިނުވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.