ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމެރިކާ އާއި ޖަރުމަންވިލާތު ސަފީރުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ހެނދުނު ވަކިވަކުން ބޭއްވި އެ ދެ ބައްދަލުވުމުގައި ރައީސް ނަޝީދު ފުރަތަމަ ބައްދަލުކުރެއްވީ ޖަރުމަނުވިލާތުގެ އެމްބެސަޑާ މޮހަރޑް އާ ކަމަށާއި އޭގެ ފަހުން އެމެރިކާގެ އެމްބެސަޑާ އެމްޖޭ ސިސޯން އާއި ބައްދަލު ކުރައްވާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

ނަމަވެސް އެބައްދަލުވުންތަކުގެ ތަފްސީލެއް އެމްޑީޕީން އަދި ނުދެ އެވެ.

މީގެ އިތުރުން މިއަދު ހަވީރުގެ ވަގުތެއްގައި ފަރަންސޭސިވިލާތުގެ އެމްބެސަޑާރާއި އިނގިރޭސިވިލާތުގެ ހައިކޮމިޝަނާގެ އިތުރުން ކެނޭޑިއަން ހައިކޮމިޝަނާ ވެސް ރައީސް ނަޝީދު ބައްދަލުކުރައްވާނެ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

މި ބައްދަލުވުންތަކުގައި ރައީސް ނަޝީދު ގެ އިތުރުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުޙައްމަދު ސާލިޙާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަޙްމަދު ދީދީ އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދް އަބްދުލްޣަފޫރުގެ އިތުރުން ރައީސް ނަޝީދު ސަރުކާރުގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.