24 Feb 2013, 15:03
މޯލްޑިވްސް ކަސްޓަމްސް ސާވިސްއާއި ޝްރީލަންކާގެ ކަސްޓަމްސް ސާވިސްއާ ދެމެދު މިހާރަށް ވުރެ ހަލުވި މިނެއްގައި މައުލޫމާތު ހިއްސާކުރެވޭނޭ އިލެކްޓްރޯނިކް ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ދެ ގައުމުގެ ކަސްޓަމުން ގުޅިގެން ފަށައިފި އެވެ.
ރާއްޖޭގެ ކަސްޓަމާއި ލަންކާގެ ކަސްޓަމާ ދެމެދު އިމްޕޯޓް އެކްސްޕޯޓާ ގުޅޭ މައުލޫމާތު އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން މިހާރަށް ވުރެ އަވަސް މިނެއްގައި ބަދަލުކުރެވޭނޭ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ފަށާފައި މިވަނީ ލަންކާގެ ކަސްޓަމްސްގެ ވަފުދަކާ އެކު ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސްރީލަންކާގެ ކަސްޓަމްސްގެ ޑައިރެކްޓަރު ޖެނެރަލް ޖޭޕީ ވެޖެވީރަ އާއި ރާއްޖޭގެ ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު އަސްވާނާ އެކު މިއަދު ބޭއްވުނު ރަސްމީ ވާހަކަތަކަށް ފަހުގައެވެ.
ލަންކާގެ ކަސްޓަމްސްގެ ވަފުދާއެކު ރާއްޖޭގެ ކަސްޓަމްސްގެ ފަރާތުން ބޭއްވި މަޝްވަރާތަކުގައި ދެ ގައުމުގެ ކަސްޓަމްސްގެ ދެމެދުގައި މައުލޫމާތާއި ވަސީލަތްތައް ހިއްސާ ކުރުމުގެ އިތުރުން މުވައްޒަފުން ތަމްރީނު ކުރުމާއި އަދި އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރުމުގެ ގޮތުންވެސް މަޝްވަރާ ކުރެވިފައި ވެއެވެ.
އަދި މުދަލުގެ އަގުތައް ކަނޑައެޅުމާއި އޯޑިޓް ކުރުމުގެ ދާއިރާގައި ހުރި އުނދަގޫތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް ދެގައުމުގެ ދެމެދުގައި ވެވޭން ހުރި ކަންތައްތަކަކީ ކޮބައިތޯ ބަލައި ކަސްޓަމްސްގެ ދާއިރާއިން އެއްބާރުލުން ގާއިމް ކުރުމަށް އެމްއޯޔޫއެއްގައި ސޮއިކުރުމަށް ވެސް އެ ބައްދަލުވުންތަކުގައި މަޝްވަރާ ކުރެވިފައި ވެއެވެ.
ޝްރީލަންކާގެ ކަސްޓަމްސްގެ ވެރިޔާ ޖޭޕީ ވިޖެވީރަ ރާއްޖެއަށް ކުރައްވާ ރަސްމީ ޒިޔާރަތުގައި ރާއްޖޭގެ މާލީ ވަޒީރު ޢަބްދުﷲ ޖިހާދުގެ އަރިހަށާއި އިގްތިސާދާ ބެހޭ ވަޒީރު މުހައްމަދު އަޙްމަދުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.