އާޓިފިޝަލް ބީޗު ސަރަހައްުދުން ސައިކަލެއްގައި ދަނިކޮށް، ބަޔަކު ދަނގަޑު ބުރިއަކުން ޖަހައި ޒަހަމްކޮށްލި ރާއްޖެ ޓީވީގެ ޖާނަލިސްޓް އިބްރާހީމް ވަހީދު (އަސްވާޑް)ގެ ހާލަތު އަދިވެސް އޮތީ ނާޒުކު ފައްތަރެއްގައި ކަމަށާއި އޭނާ އަށް ލިބިފައިވާ ޒަަހަމްތަކާ ގުޅިގެން އޮޕަރޭޝަނެއް ކުރެވެން އޮތީ ހަފުތާއެއްހާ ދުވަސް ފަހުން ކަމަށް ރާއްޖެ ޓީވީން ބުނެފި އެވެ.

މިވަގުތު ލަންކާގައި ހުންނެވި ރާއްޖެ ޓީވީގެ ޗެއާމަން އަކްރަމް ކަމާލުއްދީން ސަންއަށް ފޯނުން މިއަދު ދެއްވި އިންޓަވިއެއްގައި ވިދާޅުވީ އަސްވާޑްގެ ބޮލުގައި ދަނގަޑު ބުރިއަކުން ޖެހުމުގެ ސަބަބުން ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އަރާފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށާއި ނަމަވެސް މިހާރު ސިނކުޑިއަށް ލޭ އެރުން ހުއްޓުވާފައިވާ ކަމަށެވެ. ނަމަވެސް މޫނުމައްޗަށާއި ކަންފަތް މައްޗަށް ދީފައިވާ ޒަހަމްތަކަށް ކުރަން ޖެހޭ އޮޕަރޭޝަން ކުރެވެން އޮތީ އަދި ހަފްތާއެއްހާ ދުވަސް ފަހުން ކަމަށް ވެސް ލަންކާގެ ޑޮކްޓަރުންނާ ހަވާލާދީ އޭނާ ވިދާޅުވި އެވެ.

"(އަސްވާޑްގެ) މޫނަށާއި ކަންފަތަށް ދީފައިވާ ޒަހަމްތަކާ ގުޅިގެން ކުރަން ޖެހޭ އޮޕަރޭޝަން ކުރެވޭނީ އަށެއް ނޫނީ ދިހަ ދުވަސް ފަހުން ކަމަށް ޑޮކްޓަރުން ބުނީ، މިހާރު އޭނާ އޮތީ ހޭނާރުވާ ބާއްވާފައި. "ސެމީ ކޮންސަސް"ކޮށް މިހާރު އޮތީ އެގޮތަށް ބާއްވާފައި އޮތީ އެއޮޕަރޭޝަން ކުރެވެން އަންނަނީ ދުޅައާއި ރިހުން މަޑުވީމަ، ކަށިގަނޑު ނުބެދެނީސް އޮޕަރޭޝަން ކުރަން ޖެހޭ އެހެން ނޫނީ މޫނުމަތި ހުންނާނީ އައިބުވެފައި. މޫނު މަތީގައި ތެޅިތެޅީނުން މޫނުގެ ކަށިގަނޑު އޮތީ ބިންދާލައިފައި. އެހެންވެ ބޮލަށް ލިބިފައިވާ ގެއްލުމުގެ އޮޕަރޭޝަން ކުރެވެން އަންނަނީ ވެސް އެ އޮޕަރޭޝަން ކުރާއިރު ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައި،" އަކްރަމް ވިދާޅުވި އެވެ.

ރާއްޖެ ޓީވީގެ ނިވްސް ހެޑް އިބްރާހިމް ވަހީދު (އަސްވާޑް) އަށް ބަޔަކު ހަމަލާދިނީ، ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއީއޯ އަބްދުﷲ ޔާމީނު ވިދާޅުވި ގޮތުގައި، އޭނާ އާއި އަސްވާޑާ ދެ މީހުން ދެ ސައިކަލުގައި ދަނިކޮށެވެ.

އަސްވާޑަށް ހަމަލާދިން ބަޔަކު ހޯދައި އެބަޔަކާ ދެމެދު ހަރުކަށި ވިޔަފަޅު އެޅުމަށް ދައުލަތުގެ މުއައްސާސާތަކުން ގޮވާލާފައިވާ އިރު ފުލުހުން ވަނީ އޭނާ އަށް ހަމަލާދިން ބަޔަކު ހޯދުމަށް ހާއްސަ އޮޕަރޭޝަނަށް ފަށައިފަ އެވެ. ނަމަވެސް މިހާތަނަށް އެމައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.