12 Oct 2010, 05:06
މަދަނީ އިއްތިހާދުން ފާޅުކުރުމުން ގެންދާ ޝުއޫރުތަކަށް ސަރުކާރުން އަހަންމިއްޔަތުކަން ދޭނެ ކަމަށް ރައިސޫލްޖުމްހޫރިއްޔާ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވެއްޖެ އެވެ.
ސަންއެފްއެމް އޮންލައިނަށް މައުލޫމާތު ދެއްވަމުން ޒުހައިރު ވިދާޅުވީ "ޝުއޫރު ފާޅުކުރުމަކީ އެބޭފުޅުންނަށް ލިބިގެންވާ ހައްޤެއް" ކަމަށާއި "ނަމަވެސް އެ ބޭފުޅުން މުޒާހަރާ ކުރައްވަމުން ގެންދަވާ އިރު ކަޑައްތު ކުރައްވަން ޖެހޭ އެހެން މަރުހަލާތައް ވެސް ކަޑައްތު ކުރައްވަމުން ގެންދަވުމަކީ" އެންމެ ރަނގަޅުގޮތް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
"އޭރުން އެ ބޭފުޅުންގެ މަސައްކަތުގެ އިހްލާސްތެރިކަން ފެނިވަޑައިގަންނަވާނެ،" ޒުހައިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ "ސިއްހަތު ރަނގަޅު ޑެމޮކްރަސީއެއްގައި ޝުއޫރު ފާޅުކުރުން އޮންނާނެ" ކަމަށާއި އެބޭފުޅުން ކުރާ މަސައްކަތަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން އަހަންމިއްޔަތުކަން ދެއްވާނެ ކަމަށެވެ.
އާދީއްތަ ދުވަހު މަދަނީ އިއްތިހާދުން ވަނީ ޑރ. މުސްތަފާ ލުތުފީއާ ދެކޮޅަށް ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް 22 ނުކުތާގެ މައްޗަށް އެކުލެވޭ ޤަރާރެއް ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް ޒުހައިރު ވިދާޅުވީ ގިރާކުރަން ޖެހޭ އިތުރު މަރުހަލާތައް ހުއްޓާ އެފަދަ ކަމެއް ކުރުމުން އެ އިއްތިހާދުން ކުރާ މަސައްކަތުގައި ސިޔާސީ ކުލަ ޖެހިފައިވާ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
އާދީއްތަ ދުވަހު އެ އިއްތިހާދުގެ ފަސް މީހުންގެ ވަފުދަކުން ވަނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާ ބައްދަލު ކުރެއްވުމަށް ރައީސް އޮފީހަށް ވެސް ގޮސްފަ އެވެ. ނަމަވެސް އެ ވަފުދަށް ރައީސް ނަޝީދާ ބައްދަލުވެފައެއް ނުވެ އެވެ. ޕްރެސް ސެކްރެޓަރީ ވިދާޅުވީ އެ ދުވަހު އެ މީހުންނަށް ރައީސުލްޖުމްހޫރިއްޔާ އާ ބައްދަލުނުވީ ރައީސް ރަށުގައި ނޫޅުއްވާތީ ކަމަށެވެ.
ނަމަވެސް އެ ވަފުދުގައި ހިމެނޭ މަދަނީ އިއްތިހާދުގެ ކްރިޓިކަލް އެނަލައިސިސް ގޮފީގެ މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވެފައިވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އެވަގުތު އިންނެވީ ބައްދަލުވުމެއްގައި ކަމަށް ރައީސް އޮފީހުން ބުނި ކަމަށެވެ.
"އަޅުގަނޑުމެން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާ ބައްދަލު ކުރުމަށް މި އައީ ތިނެކާއި ހަތަރަކާ ދެމެދު ރައީސުލްޖުމްހޫރިއްޔާ އާ ބައްދަލުކުރުމަށް އެޕޮއިންޓްމަންޓެއް ހަމަޖެހޭނެ ކަމަށް އިއްޔެ (ހޮނިހިރު ދުވަހު) ރައީސް އޮފީހުން ވިދާޅުވީމަ." އާދީއްތަ ދުވަހު ރައީސް އޮފީސް ދޮށުގައި ހުންނަވައިގެން އޭނާ ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީގެ ތައުލީމީ ސިޔާސަތާ މެދު ހިތްހަމަނުޖެހޭ ކަމަށްބުނެ މަދަނީ އިއްތިހާދުން ހޮނިހިރު ދުވަހުގެ އިތުރުން އިއްޔެ ވެސް މުލިއާގެ ދޮށަށް އެއްވެފައިވެ އެވެ.
އެ މީހުން ރައީސް އުޅުއްވާ ގެކޮޅު މުލީއާގެ ދޮށަށް އެއްވެ މުޒާހަރާ ކުރަމުން އަންނަނީ، ގައުމީ މަންހަޖު ޤާނޫނު އަސާސީގެ ރޫޙާ ޚިލާފަށް އެޑިއުކޭޝަނުން ބިނާކުރާ ކަމަށް ބުނެ އެވެ. އޭގެ ތެރޭގައި ދެޖިންސު އެއްކޮށްލައިގެން ކިޔަވައިދިނުމަށް މަސައްކަތް ކުރާކަމަށް ބުނެފައިވެ އެވެ.
ޝުއޫރު ފާޅުކުރުމަކީ ޑިމޮކްރަސީގައި ރައްޔިތުންނަށް ލިބިގެންވާ އަސާސީ ހައްގެއް ކަމަށް ޒުހައިރު ވިދާޅުވި ނަމަވެސް މުލީއާގެ ދޮށަށް އިއްޔެ އެއްވި މީހުން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން ފޮނުވައިލައިފަ އެވެ.
މަދަނީ އިއްތިހާދުން ބުނަނީ މުޒާހަރާ ކުރަމުން ގެންދަނީ، ސްކޫލްތަކުގެ ބެލެނިވެރިންނާއި ގުޅިގެން ކަމަށެވެ. އިއްޔެގެ މުޒާހަރާގައި އަށް އަންހެނަކު ވެސް ބައިވެރިވެފައިވެ އެވެ.
މަދަނީ އިއްތިހާދަކީ 127 ޖަމިއްޔާގެ މައްޗަށް އެކުލެވޭ އިއްތިހާދެކެވެ.