ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންނެވުމުގެ ހުއްދައަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި އެދިވަޑައިގެންފި އެވެ.

ޖުޑީޝަރީގެ މީޑިއާ ޔުނިޓްގެ އޮފިޝަލަކު ވިދާޅުވީ މި ހަފްތާގެ ބުދަ ދުވަހުން ފެށިގެން އަންނަ މަހުގެ ފަސްވަނަ ދުވަހާ ހަމައަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަކަށް އެދިވަޑައިގެން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ނަޝީދު މިއަދު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ނަޝީދު އެގޮތަށް އެދިވަޑައިގެންފައިވީ ނަމަވެސް އެމަނިކުފާނަށް ހުއްދަ ދިނުމާ މެދު ފަނޑިޔާރުންގެ ބެންޗުން އަދި ވަކިގޮތެއް ނިންމާފައި ނުވާ ކަމަށެވެ.

މީގެކުރިން ދެފަހަރެއްގެ މަތިން ހުޅުމާލޭ ކޯޓުން ވަނީ ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ނަޝީދަށް ދެއްވާފަ އެވެ. އަދި އެ ހުއްދައާ އެކު ނަޝީދު ރާއްޖެ އިން ބޭރަށް ވެސް ވަޑައިގެންފަ އެވެ.

ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަކަށް ނަޝީދު އެދިވަޑައިގެންފައި ވަނީ އިންޑިއާގެ ހިމާޔަތް ހޯއްދެވި ކަމަށް ވިދާޅުވެ 11 ދުވަސް ވާންދެން އިންޑިއަން ހައިކޮމިޝަންގެ ތެރޭގައި ހުންނެވުމަށް ފަހު އެވެ.

އިއްޔެ ނަޝީދު ބޭއްވި ނިވްސް ކޮންފަރެންސްގައި ކުރިއަށް އޮތްތާގައި ޝަރީއަތަށް ހާޒިރުވާން ތައްޔަރާށް ހުންނެވިތޯ ދެންނެވުމުން އެ ސުވާލަށް ޖަވާބު ނުދެއްވައި ނަޝީދު ވިދާޅުވީ މިހާރު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ކަމަށެވެ.

ނަޝީދުގެ މައްޗަށް ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ދައުވާ ކޮށްފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ސިފައިންގެ އެންމެ މަތީވެރިޔާގެ ގޮތުގައި ހުންނަވައި، އެމްއެންޑީއެފް މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ ގާނޫނާ ޚިލާފަށް ހައްޔަރުކޮށްފައިވާތީ އެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ނަޝީދު ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ. އަދި އޭގެފަހުން ނަޝީދުގެ ޝަރީއަތް ބޭއްވޭ ގޮތެއް ނުވެ އެވެ.