ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މި މަހުގެ 13 ވަނަ ދުވަހު ވެދެވަޑައިގެންނެވީ އެމަނިކުފާނު އަމިއްލަފުޅަށް (އެގޮތް އިހުތިޔާރުކުރައްވައިގެން) ކަމަށާއި އިއްޔެ އެތަނުން ނުކުމެވަޑައިގެންނެވީ ވެސް އެގޮތަށް ކަމަށް އިންޑިއާ އިން ބުނެފި އެވެ.

އިންޑިއާ ހައިކޮމިޝަނުން ރައީސް ނަޝީދު ނުކުމެވަޑައިގެންނެވި ކަން ހާމަ ކުރުމުގެ ގޮތުން އެތަނުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ކުރީގެ ރައީސް އިންޑިއާގެ މިޝަން އަށް ވެދެވަޑައިގެންނެވީ އެމަނިކުފާނު އަމިއްލަފުޅަށް ކަމަށާއި ނުކުމެވަޑައިގެންނެވީ ވެސް އެގޮތަށް" ކަމަށެވެ. އެއާ އެކު އެމަނިކުފާނުގެ ސިޔާސީ އަދި އިޖުތިމާއީ ދިރިއުޅުއްވުން އަލުން ފެއްޓެވޭނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.

ބަޔާނުގައި އަދި ވަނީ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ ޝްރީ ހަރުޝްވަރުދަން ޝްރިންގްލާ އާއި ރާއްޖޭގައި ހުންނެވި އިންޑިއާގެ ހައިކޮމިޝަނަރު އިސްކޮށް ތިއްބެވި އިންޑިއާގެ ވަފުދުން ރާއްޖޭގެ ސަރުކާރުގެ އޮފިޝަލުންނާއި ކަމާ ބެހޭ އެހެން ފަރާތްތަކާ އެކު ސިލްސިލާ ބައްދަލުވުންތަކެއް ބޭއްވެވި ކަމަށެވެ. އަދި އެކަމުގައި އެއްބާރުލުން ދިނީތީ ޝުކުރުވެރިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ރާއްޖޭގެ ދާހިލީ ކަންކަމާ ނުބެހި، ޑިމޮކްރަސީ ހަރުދަނާ ކުރުމަށް އިންޑިއާ އިން ދިވެހިސަރުކާރާ އެކު ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ރާއްޖޭގެ ސިޔާސީ ޕާޓީތަކާއި ޑިމޮކްރެޓިކް އިންސްޓްޓިއުޝަންތަކާ އެކު ފުޅާދާއިރާއެއްގައި ގުޅުން ދަމަހައްޓަމުން އަންނަ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"ގައުމުގެ ޑިމޮކްރެޓިކް ފްރޭމްވޯކް ހަރުދަނާ ކުރުމަށް ދިވެހި ސަރުކާރާއި ކަމާ ބެހޭ އެހެން ފަރާތްތަކާ އެކު އިންޑިއާ އިން އައީ ގާތުން މަސައްކަތް ކުރަމުންނެވެ. ރާއްޖޭގެ ދާހިލީ ކަންތައްތަކާ ނުބެހި، ސިޔާސީ ޕާޓީތަކާއި ޑިމޮކްރެޓިކް އިންސްޓްޓިއުޝަންތަކާ އެކު އިންޑިއާ އިން އައީ ގުޅުން ދަމަހައްޓަމުންނެވެ،" ބަޔާނުގައިވެ އެވެ.

މަޑުމައިތިރިކަމާއި ސުލްހަވެރިކަން ދެމެހެއްޓުމަށް އިންޑިއާ އިން ވަނީ ރާއްޖޭގެ ހުރިހާ ފަރާތްތަކަށް ގޮވާލާފަ އެވެ. އަދި ރާއްޖެއާ އެކު އޮންނަ، ގާތް އެކުވެރިކަމުގެ ރޫހުގައި، ރަނގަޅު ގޮތުގައި ރާއްޖޭގެ ކަންތައްތަކުގައި ބައިވެރިވުން ކުރިއަށް ގެންދިއުމަށް އުއްމީދުކުރާ ކަމަށް ވަނީ ބުނެފަ އެވެ.

"ރާއްޖޭގައި ސުލްހަމަސަލަސްކަމާއި މަޑުމައިތިރިކަން ދެމެހެއްޓުމަށް އިންޑިއާ ސަރުކާރުން ހުރިހާ ފަރާތްތަކަށް ގޮވާލަ އެވެ. އަދި އެކުވެރިކަމުގެ ރޫހެއްގައި ރަނގަޅު ގޮތުގައި ރާއްޖޭގެ ކަންކަމުގައި ބައިވެރިވާ ބައިވެރިވުން ކުރިއަށް ގެންދިއުމަށް އުއްމީދުކުރެއެވެ،" ބަޔާނުގައިވެ އެވެ.

ރާއްޖޭގައި އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބު، މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް އެހީތެރިވުމަކީ އިންޑިއާ އިން އުފާވާނެ ކަމެއްކަން އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ސަލްމާން ހޫރުޝީދު ރާއްޖޭގެ ފޮރިން މިނިސްޓަރަށް ދަންނަވާފައިވާ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.

ރައީސް ނަޝީދު އިންޑިއާ ހައިކޮމިޝަނުން ހިމާޔަތް ހޯއްދަވައިގެން އިއްޔެއާ ހަމައަށް އެތަނުގައި ހުންނެވީ ބަންދުގައި ބަހައްޓައިގެން އެމަނިކުފާނު ކޯޓަށް ހާޒިރުކުރުމަށް ހުޅުމާލޭ ކޯޓުން ފުލުހުންނަށް ކުރި އަމުރަކާ ގުޅިގެންނެވެ. އެއީ ނަޝީދުގެ ވެރިކަމުގައި ގާނޫނު އަސާސީއާ ހިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރެއްވި މައްސަލައާ ގުޅިގެންނެވެ.