މިދިޔަ އަހަރުގެ ނިޔަލަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް 151 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ނުލިބިވާ ކަން އެތަނުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސް ސާވިސްގެ ފަރާތުން ސަން އޮންލައިންއާ ހިއްސާ ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން 31 ޑިސެމްބަރ 2012 ގެ ނިޔަލަށް ކަސްޓަމްސްއަށް ނުލިބިވާ ފައިސާގެގޮތުގައި 291 މައްސަލައަށްވާ ޖުމްލަ 151,946,854.01 ރުފިޔާ ލިބެންޖެހެ އެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޝަރުޢީ މަރުހަލާގައި 41 މައްސަލައަކަށް 121,395,289.45 ރުފިޔާ ލިބެން ޖެހެއެވެ. އޭގެ ތެރޭގައި އެއް މައްސަލައެއްގައި ޝާމިލު ވާ 110 މިލިއަން ރުފިޔާ ހިމެނޭ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ނުލިބިވާ ފައިސާ ހޯދުމަށްޓަކައި އެ މައްސަލަތައް ތަހްގީގު ކުރުމަށްޓަކައި މިދިޔަ އަހަރު ފުލުހުންނަށް 24 މައްސަލައެއް ހުށަހަޅާފައި ވެއެވެ. އެ މައްސަލަ ތަކުގެ ޖުމްލަ ފައިސާގެ އަދަދަކީ 13,457,814.36 ރުފިޔާ އެވެ. އޭގެ ތެރޭގައި ޗެކްބައުންސްވުމުގެ މައްސަލައެއްގައި ހިމެނޭ 9.5 މިލިއަން ރުފިޔާ ހިމެނޭ ކަމަށް ވެސް އެ ސާވިސްގެ ފަރާތުން ސަން އޮންލައިންއާ ހިއްސާ ކުރި ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މިދިޔަ އަހަރުގެ ނިޔަލަށް ކަސްޓަމްސް އަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ކަސްޓަމްސްއަށް މައްސަލައެއްކަމަށް ފާހަގަކުރެވިގެން މައްސަލައިގެ އިޖުރާތްތައް ފުރިހަމަ ކުރަމުންދާ 226 މައްސަލައެއް ވާ ކަމަށް ވެސް އެތަނުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެ މައްސަލަތަކުގެ ޖުމްލަ ފައިސާގެ އަދަދު ކަމަށް ތަފާސް ހިސާބުތަކުން ދައްކަނީ 16,093,750.20 ރުފިޔާއެވެ.