ސިޔާސީ ޕާޓީގެ މެންބަރުންގެ އަދަދުން ޑީއާރުޕީގެ މައްޗަށް ކުރި ހޯދައި، ދެވަނައަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ ގޮތުގައި ޕީޕީއެމް އަނެއްކާ ވެސް ކުރި ހޯދައިފިއެވެ.

އިލެކްޝަން ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ދައްކާ ގޮތުން މެންބަރުންގެ އަދަދުން ޑީއާރްޕީގެ މައްޗަށް ޕީޕީއެމުން މި ފަހަރު ކުރި ހޯދީ 583 މެންބަރުންގެ ތަފާތުންނެވެ. މިހާރު ޕީޕީއެމްގައި ތިބީ 22،765 މެމްބަރުން ނެވެ. ވާދަވެރި ޑީއާރުޕީގައި މިހާރު ތިބީ 22،182 މެމްބަރުންނެވެ.

އިލެކްޝަން ކޮމިޝަންގެ ދަފްތަރުން ދައްކާ ގޮތުން ވޭތުވެ ދިޔަ ހަފްތާގައި ވާދަވެރި ދެ ޕާޓީގެ ތެރެއިން އެންމެ ގިނަ ފޯމް ހުށަހަޅާފައި ވަނީ ވެސް ޕީޕީއެމްއިންނެވެ. އެ ޕާޓީން 603 ފޯމް ހުށަހަޅާފައިވާ އިރު، އިލެކްޝަންގެ ދަފްތަރުގައި އަދި ނުހިމަނާ އެ ޕާޓީގެ 1410 ފޯމް ބާކީ އެބަ އޮތެވެ. ޑީއާރްޕީން ވޭތުވެ ދިޔަ ހަފްތާގައި ހުށަހަޅާފައި ވަނީ އެންމެ 74 ފޯމެވެ. އަދި ދަފްތަރުގައި ނުހިމަނާ ބާކީ އޮތީ 611 ފޯމެވެ.

މެމްބަރުންގެ އަދަދުން އެންމެ ކުރީގައި އުޅޭ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައި މިހާރު ތިބީ 46،533 މެމްބަރުން ނެވެ. އެ ޕާޓީން ވޭތުވެ ދިޔަ ހަފްތާގައި އިލެކްޝަނަށް 243 ފޯމް ހުށަ ހަޅާފައިވާ އިރު އަދި އެ ޕާޓީގެ ދަފްތަރުގައި ނުހިމަނާ ބާކީ 497 ފޯމް އެބަ އޮތެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ އެހެން ބޮޑެތި ޕާޓީ ތަކަށް ބަލާލާ އިރު ހަތަރުވަނަ އަށް އެންމެ މެމްބަރުން ގިނަ ޕާޓީ އަކީ ޖުމްހޫރީ ޕާޓީ އެވެ. އެ ޕާޓީގައި 12،708 މެމްބަރުން ތިބި އިރު ވޭތުވެ ދިޔަ ހަފްތާގެ ނިޔަލަށް 409 ފޯމް އެ ޕާޓީން އިލެކްޝަނަށް ހުށަ ހަޅާފައި ވާއިރު ދަފްތަރުގައި އަދި ނުހިމަނައި އިލެކްޝަންގައި 409 ފޯމް އެބަ އޮތެވެ. ފަސްވަނަ އަށް އެންމެ މެމްބަރުން ގިނަ ޕާޓީ ކަމަށްވާ އަދާލަތު ޕާޓީގައި 5898 މެމްބަރުން ތިބި އިރު އެ ޕާޓީން 14،00 ފޯމް ވޭތުވެ ދިޔަ ހަފްތާގައި އިލެކްޝަނަށް ހުށަހަޅާފައިވާ އިރު ބާކީ 3،000 ފޯމް އިލެކްޝަންގައި އެބަ އޮތެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދު ޕާޓީ އާ ދާދި ފަހުން އުފެއްދި މޯލްޑިވިއަން ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އާ ދެމެދު އުޅެނީ 32 މެމްބަރުންގެ ތަފާތެވެ. އެގޮތުން ގައުމީ އިއްތިހާދު ޕާޓީގައި 3466 މެމްބަރުން ތިބި އިރު އެމްޑީއޭ ގައި ތިބީ 3434 މެމްބަރުންނެވެ.

އޭގެ ތެރެއިން ގައުމީ އިއްތިހާދު ޕާޓީން ވޭތުވެ ދިޔަ ހަފްތާގައި އިލެކްޝަނަށް 502 ފޯމް ހުށަހަޅާފައިވާ އިރު ބާކީ އިލެކްޝަންގައި އޮތީ 1823 ފޯމެވެ. އެމްޑީއޭ އިން ވޭތުވެދިޔަ ހަފްތާގައި އިލެކްޝަނަށް 536 ފޯމް ހުށަހަޅާފައި ވާއިރު ބާކީ އިލެކްޝަންގައި އޮތީ 1537 ފޯމެވެ.