24 Feb 2013, 12:06
ވިލާ ކޮލެޖުން ކޮމަންވެލްތް އޮފް ލާނިންއާ ގުޅިގެން ކޯހުގެ ބައިވެރިންގެ ގޮތުގައި ދުނިޔޭގެ 15 ގައުމެއްގެ ދަރިވަރުން ބައިވެރިވާ އޮންލައިން ކޯހެއް ފައްޓައިފި އެވެ.
މި ކޯހަކީ އޮންލައިންކޮށް ކޯސް ހިންގާށާއި އޮންލައިން ކޯސްތަކުގައި ޓިއުޓާ ކޮށްދިނުމުގެ މަގުސަދުގައި ފަރުމާ ކުރެވިފައިވާ ކޯހެކެވެ.
ވިލާކޮލެޖުން ބުނެފައިވާ ގޮތުގައި ކޮމަންވެލްތުގެ ކުދި ގައުމުތަކަށް ހުޅުވާލައިގެން ކޮމަންވެލްތް އޮފް ލާނިން އިން މުދައްރިސުންނަށް އަމާޒު ކޮށްގެން ފަރުމާކޮށްފައިވާ ހަ ހަފްތާގެ މިކޯހުގައި ދުނިޔޭގެ ތަފާތު ފަނަރަ ގައުމަކުން ބައިވެރިވެފައި ވާއިރު ވިލާ ކޮލެޖާއި އަދި ރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ބައެއް މުދައްރިސުން މިކޯހުގައި ބައިވެރި ވެފައި ވެއެވެ.
ފެބްރުއަރީ 18 އިން މާޗު މަހުގެ 29ގެ ނިޔަލަށް ކުރިޔަށް ގެންދާ އޮންލައިން ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮމަންވެލްތު އޮފް އީލާނިންގެ މާހިރެއް ކަމުގައިވާ ޑރ. ރޮޖާ ޕައުލިނީގެ އިރުޝާދުގެ ދަށުން ކަމަށް ވިލާ ކޮލެޖުން ވަނީ ބުނެފަ އެވެ. އަދި ކޯސް ހިނގަމުންދާނީ ވިލާ ކޮލެޖްގެ ދަރިވަރުން ބޭނުން ކުރަމުން އަންނަ "ރޯޒް" އޮންލައިން ޕޯޓަލްގައި ކަމަށްވެސް އެ ކޮލެޖުން ވަނީ ބުނެފަ އެވެ.
ކޯހުގެ ބައިވެރިން އެބައިވެރިއެއްގެ އަމިއްލަ ގައުމުގައި ތިބެގެން ކުރިއަށް ގެންދާ މިކޯހުގައި ރާއްޖޭގެ އިތުރުން ދަރިވަރުން ބައިވެރިވެފައިވާ ގައުމުތަކުގެ ތެރޭގައި އެންޓިގުއާ އެންޑް ބާބިއުޑާ، ބާބަޑޮސް، ބޮޓްސްވާނާ، ޑޮމިނިކާ، ގެމްބިއާ، ލެސޯތޯ، މޮރިޝަސް، ނެމީބިއާ، ސެއިންޓް ވިންސެންޓް އެންޑް ދަ ގްރެނައިޑިންސް، ސީޝެލްސް، ސްވިޒަލޭންޑް، ތެންޒޭނިއާ، ޓްރިނިޑާޑް އެންޑް ޓޮބޭގޯ އަދި ވަނުއާޓޫ ހިމެނެއެވެ.