24 Feb 2013, 12:06
މާލޭ އެއް ނަމްބަރު ކުނިކޮށިން އަރާ ދުމާ ހެދި އިމާދުއްދީން ސްކޫލްގެ ކިޔެވުން ހުއްޓާލާފައި އޮތުމަށް ފަހު މިއަދު ކިޔެވުން ފަށައިފި އެވެ.
އިމާދުއްދީން ސްކޫލްގެ ޕްރިންސިލަކް އިބްރާހިމް އާސިފް ރަޝީދު މިއަދު ވިދާޅުވީ އެޑިއުކޭޝަންގެ ވަރަށް ބޮޑު އެއްބާރުލުމާ އެކު މިއަދު އެ ސްކޫލްގެ ކިޔެވުން ފެށި އިރު، ކުނިކޮށި ސާފުކުރުމުގެ މަސައްކަތް ކުރިޔަށް ދިޔަ ނަމަވެސް ވައި ހުރި ގޮތުން ކުނިކޮށީގެ ވަސްނުދުވާ ކަމަށެވެ.
އާސިފް ވިދާޅުވީ އެހެން ސްކޫލަކަށް ކުދިންގެ ކިޔެވުން ބަދަލު ކުރުމުގެ ވިސްނުމެއް ކުރިން ގެންގުޅުއްވި ނަމަވެސް މިހާރު ހަމަޖެހިފައި އޮތީ އިމާދުއްދީން ސްކޫލްގައި ކިޔެވުން ކުރިއަށް ގެންދާ ގޮތަށް ކަމަށެވެ.
ކުނި ގޮނޑުގައި ރޯވުމާ ގުޅިގެން އެތަނުން އަރަމުންދިޔަ ދުމާހެދި އިމާދުއްދީން ސްކޫލްގައި ކިޔަވަމުން ދިޔަ ދަރިވަރުންގެ ބޯ އަނބުރައި ހޮޑުލާ ހަދާތީ ބައެއް ކުދިން ގެއަށް ފޮނުވާލަން ޖެހުނު އިރު، ދުމުގެ އުނދަގުލާ ހެދި މިދިޔަ ހަފްތާގެ ގިނަ ދުވަސްތަކުގައި ކިޔަވައި ދީފައެއް ވެސް ނުވެ އެވެ.
އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވީ ދަރިވަރުންނަށް ގެއްލުނު ކްލާސްތައް ސެމިސްޓާ ނިމުމުގެ ކުރިން ނަގައިދެވޭތޯ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.
މާލޭގެ އެއް ނަމްބަރު ކުނިކޮށީގެ އުނދަގުލާ ހެދި އިމާދުއްދީން ސްކޫލްގައި ކިޔަވާ ކުދިންގެ ކިޔެވުމަށް ހުރަސް އެޅިފައި ވަނިކޮށް ކުނިކޮށި ހުސްކުރުމުގެ މަސައްކަތް ކުރުމަށް ވަގުތީ ހައްލެއްގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް އަށް މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން ވަނީ ހަމަޖައްސައިދީފަ އެވެ.