އދ. ދިގުރަށާއި ފެންފުށީގައި ފުލުހުންގެ މަރުކަޒެއް ހުޅުވައިފި އެވެ. އިއްޔެ އެ ދެ ރަށުގައި ބޭއްވި ހާއްސަ ރަސްމިޔާތެއްގައި ފުލުހުންގެ މަރުކަޒު ހުޅުވާދެއްވީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒާއި ދާހިލީ ވަޒީރު ޑރ. އަހްމަދު ޖަމީލް އަހުމަދެވެ.

ދިގުރަށު ފުލުހުންގެ މަރުކަޒު ހުޅުވައިދެއްވުމަށް ފަހު އެރަށުގެ ބޭއްވި ޖަލްސާގައި ކޮމިޝަނަރު އޮފް ޕޮލިސް ރިޔާޒް ދެއްކެވި ވާހަކަފުޅުގައި އެ ރަށުގައި ފުލުހުންގެ މަރުކަޒުގެ މައިގަނޑު ހުރިހާ ހަރަދެއް ހަމަ ޖައްސަދީފައި ވަނީ މިޓްސް އެންޓާ ޕްރައިސަސްގެ ފަރާތުން ކަމަށް ވިދާޅުވި އެވެ.

އަދި ދިގުރަށަކީ ލޯކަލް ޓޫރިޒަމް ތައާރަފްވެ ބޮޑެތި އިންވެސްޓްމަންޓްތައް ކުރެވެން އޮތް ރަށަކަށްވާތީ އެ ރަށުގައި ފުލުހުންގެ މަރުކަޒެއް ހުރުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށާއި ފުލުހުން މަރުކަޒު ގާއިމު ކުރެވުނީ އެ ރަށު ކައުންސިލުން ކުރި މަސައްކަތަކުން ކަމަށް ވެސް ޕޮލިސް ކޮމިޝަނަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވެވި އެވެ.

"ގެސްޓުންނާއި ލޯކަލް ޓޫރިޒަމް މިހާރު މިވަނީ ތައާރަފް ވެފައި. މި ތަނުގައި ގެސްޓް ހައުސްއެއް އެޅި އޮޕްރޭޝަނަލީ ކުރިއަށްދާ ކަމަށް މި ވަނީ. އެހެންވީމާ މިހުރިހާ ކަމެއް ހިނގަމުންދާ އިރު ފުލުހުން ތިބުމުން މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެން،" ރިޔާޒް ވިދާޅުވި އެވެ.

އިއްޔެ މެންދުރު ފަހު ފެންފުށީގެ ފުލުހުންގެ މަރުކަޒު ހުޅުވާދެއްވުމަށް ފަހު އެތަނުގައި ވަނީ އެކި އެކި ކުށްތަކުގައި ގެނެވޭ މީހުން ބައިތިއްބާނެ އިމާރާތެއްގެ ބިންގާވެސް ވަނީ އަޅާފަ އެވެ.

ފެންފުށީގައި ބޭއްވި ޖަލްސާގައި ކޮމިޝަނާ ރިޔާޒް ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ މަރުކަޒަކީ ރައްޔިތުންގެ ތަނެއްގެ ގޮތުގައި ބަލައިގަތުމަށް އިލްތިމާސް ކުރައްވާ ކަމަށާއި ފުލުހުން ރަށު ކައުންސިލާއި ގާތްގުޅުމެއް އަބްދުވެސް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވި އެވެ.

މީގެ އިތުރުން ކޮންމެ ރަށަކަށްވެސް ފުލުހުންގެ ހިދުމަތް އެންމެ ގާތުން ދިނުމަކީ ކޮމިޝަނަރު ކަމުގެ މަގާމުގައި ހުންނެވިހާ ހިނދު އެންމެ ބޮޑު އަމާޒު ކަމުގައިވެސް ރިޔާޒް ވަނީ ވިދާޅުވެފަ އެވެ.

މި އަހަރު އެންމެ ފުރަތަމަ ފުލުހުންގެ މަރުކަޒު އިއްޔެ ހުޅުވާފައިވާއިރު މި އަހަރު 16 މަރުކަޒެއް ހުޅުވުމަށް ހަމަ ޖެހިފައިވާ ކަމަށް ރިޔާޒް ވަނީ އިއްޔެ ވިދާޅުވެފަ އެވެ.

ފުލުހުންގެ މަރުކަޒު ހުޅުވާދެއްވުމަށްޓަކައި ޕޮލިސް އަބްދުﷲ ރިޔާޒާއި ދާހިލީ ވަޒީރުގެ އިތުރުން އެ ރަސްމިޔާތުގައި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ބައިވެރިވަޑައިގެންފައިވާ އިރު އެ ދެ ރަށުން ވެސް އެ ބޭފުޅުނަށް ހޫނު މަރުހަބާއެއްކިޔާފައި އެވެ. އަދި ސަގާފީ ހަރަކާތްތައް ވެސް ދައްކާލާފައިވެ އެވެ.