24 Feb 2013, 11:24
އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓްގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ހިލަރީ ކްލިންޓަން ކުރައްވާ ކޮންމެ ތަގުރީރަކަށް 200،000 އެމެރިކާ ޑޮލަރުގެ ފީއެއް ނަންގަވާނެ ކަމަށް އެމެރިކާގެ ބަޒްފީޑުން ބުނެފި އެވެ.
އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓްގެ މަގާމުގައި ހުންނެވި އިރު، އަހަރަކު 186،000 އެމެރިކާ ޑޮލަރުގެ މުސާރައެއް ނެންގެވި ހިލަރީ ކުލިންޓަން ވަނީ ބޮޑެތި އިވެންޓްތަކުގައި ތަގުރީރުކުރުމުގެ މަސައްކަތް ފެށުމަށް ނިންމަވާފަ އެވެ.
އެމެރިކާގެ ކުރީގެ ރައީސް އަދި ހިލަރީގެ ފިރިކަލުން ބިލް ކުލިންޓަން ފަދައިން ހިލަރީ ވެސް އެމެރިކާގެ "ސްޕީކިން ސާކިޓާ" ގުޅި ވަޑައިގެންފައިވާއިރު، އެކަމަނާ ރެޕްރެޒެންޓް ކުރައްވާނީ ހެރީ ވޯކާ އެޖެންސީ އެވެ.
ވެރިކަމުގައި ދެ ދައުރު ހަމަކުރައްވާފައި، އަމިއްލަ ފަރުދެއްގެ ގޮތުގައި ބިލް ކުލިންޓަން ހޭދަކޮށްފައިވާ 11 އަހަރު ދުވަހުގެ ތެރޭގައި ފީއެއް ނަންގަވާ ގޮތަށް 471 ތަގުރީރުކުރައްވާފައިވާ ކަމަށް ސީއެންއެންއިން ބުނެ އެވެ. މީގެން ކޮންމެ ތަގުރީރަކަށް އެވުރެޖުކޮށް ކުލިންޓަން ވަނީ 189،000 އެމެރިކާ ޑޮލަރުގެ ފީއެއް ނަންގަވާފަ އެވެ.
ހިލަރީގެ ގާތް ފަރާތަކާ ހަވާލާދީ ބަޒްފީޑުން ބުނެފައިވަނީ ހިލަރީ ކުރައްވާ ކޮންމެ ތަގުރީރަކަށް 200،000 ޑޮލަރުގެ ފީއެއް ނަންގަވާނެ ކަމަށެވެ.
އެހެން ނަމަވެސް، ހިލަރީ މަސައްކަތްކުރައްވާ ބައެއް ޗެރިޓީތަކާއި، ފައުންޑޭޝަންތަކުގެ ބައެއް އިވެންޓުތަކުގައި ހިލޭ ސާބަހަށް ވެސް ހިލަރީ ތަގުރީރުކުރައްވާނެ ކަމަށް މައުލޫމާތު ލިބެ އެވެ.
އެމެރިކާގެ "ސްޕީކިން ސާކިޓު" ގައި ފާހަގަކޮށްލެވޭ މަޝްހޫރު ބޭފުޅުންގެ ތެރޭގައި އެމެރިކާގެ ކުރީގެ ނައިބު ރައީސް އަދި ރިޔާސީ ކެންޑިޑޭޓް އަލް ގޯ އާއި، ކެލިފޯނިއާގެ ކުރީގެ ގަވަރުނަރު އަދި މަޝްހޫރު ފިލްމީ ތަރި އާނޯލްޑް ޝުވާޒްނެގާ އާއި، 2008 ގެ ރިޔާސީ އިންތިހާބުން ނާކާމިޔާބުވި މެކެއިންގެ ރަނިންގ މޭޓް ސާރާ ޕެލިން ފަދަ ބޭފުޅުން ފާހަގަކޮށްލެވެއެވެ.