24 Feb 2013, 11:20
ސްޕެނިޝް ލީގު ރޭ ސެވިއްޔާ އަތުން ފަހަތުން އަރައި 2-1 ލަނޑުން ބާސެލޯނާ މޮޅުވެއްޖެ އެވެ.
ބާސާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގެ ފުރަތަމަ ލަނޑު، ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ޖަހާ މެޗުގެ ލީޑް ނެގީ ސެވިއްޔާއިންނެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ސްޕެއިންގެ ޑިފެންޑަރު ބޮޓިއާ އެވެ.
ބާސާގެ މައްޗަށް ކުރި ހޯދައި އެއް ލަނޑުގެ ލީޑަކާ އެކު ސެވިއްޔާއިން މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލިއިރު، ދެވަނަ ހާފުގައި 52 ވަނަ މިނެޓުގައި ބާސާގެ ސްޕެއިން ފޯވާޑް ޑޭވިޑް ވިލާ ވަނީ ސެވިއްޔާ ކޮޅަށް ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރު ކޮށްދީފައެވެ.
ރޭގެ މެޗުން ބާސާ މޮޅު ކޮށްދިން ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެސީ އެވެ.
ސެވިއްޔާ އަތުން ރޭ ބާސާ ހޯދި މޮޅާ އެކު، ލީގުގެ އެއްވަނަ މަގާމްގައި ބާސާ އޮތީ 68 ޕޮއިންޓާއެކުއެވެ. ލީގުގެ ދެވަނަ މަގާމްގައި 53 ޕޮއިންޓާއެކު އެތުލެޓިކޯ މެޑްރިޑް އޮތް އިރު، ތިން ވަނާގައި އޮތީ 52 ޕޮއިންޓާއެކު ރެއާލް މެޑްރިޑެވެ. އަދި ރޭގެ ބާސާ އަތުން ބަލިވި ސެވިއްޔާ އޮތީ ލީގުގެ 11 ވަނަ މަގާމްގައި 32 ޕޮއިންޓާ އެކުއެވެ.
މީގެ އިތުރުން ރޭ ސްޕެނިޝް ލީގުގައި، ރެއާލް މެޑްރިޑް ވެސް ވަނީ ރަށުން ބޭރުގައި ކުޅެ، ޑިޕޯޓިވޯ އަތުން 2-1 ލަނޑުން މޮޅުވެފައެވެ. އަދި ރެއާލް ވެސް ރޭ މޮޅުވީ ފަހަތުން އަރަ އެވެ. ރޭގެ މެޗުގައި ރެއާލްގެ ލަނޑުތައް އެޓީމަށް ކާމިޔާބު ކޮށްދިނީ ކަކާ އާއި ގޮންލާޒޯ ހިގައިން އެވެ. އަދި ޑިޕޯޓިވޯއިން ރެއާލް ކޮޅަށް ރޭ ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސްޕެއިންގެ ފޯވާޑް ރިކީއެވެ.
ސްޕެނިޝް ލީގުގައި ރޭ ބާސާ އާއި ރެއާލް މޮޅުވިއިރު، އަންނަ އަންގާރާ ދުވަހުގެ ރޭ މި ދެޓީމް ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި ވާދަކުރާނެ އެވެ. ބާސާގެ ދަނޑުގައި މި މެޗު ކުޅޭއިރު ރެއާލުގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗް ނިމިފައި ވަނީ ދެ ޓީމް ވެސް 1-1 ލަނޑުން އެއްވަރު ވެގެންނެވެ.