12 Oct 2010, 05:05
އެމްއެންބީސީގެ ހިދުމަތް ރޭ މެދު ކެނޑުނީ އިލެކްޓިރްކް ކޮމްޕޯނަންޓެއް ފެއިލްވެގެން ކަމަށް އެމްއެންބީސީން ބުނެފި އެވެ.
ޗީފް އޮޕަރޭޓިން އޮފިސަރު މުހައްމަދު އާސިފު (މޮންދު) ވިދާޅުވީ އިއްޔެ ހަވީރު 6:00 ޖެހި އިރުން ފެށިގެން ކަރަންޓް މައްސަލައެއް ދިމާވެ، ހިދުމަތް މެދުކެނޑެމުން ދިއުމަށް ފަހު އެއްކޮށް މުޅި ރާއްޖެ އިން ހިދުމަތް ކެނޑުނު ކަމަށާއި އެގޮތް މެދުވެރިވީ މެއިން ޕެނަލް ބޯޑުގެ އިލެކްޓްރިކް ކޮމްޕޯނަންޓެއް ފޭލުވެގެން ކަމަށް ސްޓެލްކޯގެ އިންޖިނޭރުން ބުނެފައިވާ ކަމަށެވެ.
"މެއިން ބޯޑުގެ ބްރޭކަރަކަށް މައްސަލަ ދިމާވީ. އިންޖިނޭރުން ބަލަމުން ގޮސް އެ ކޮމްޕޯނަންޓް ރިޕްލޭސް ކޮށްލުމުން މައްސަލަ ހައްލުވެއްޖެ،" މޮންދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިއްޔެ އާއި ރޭ ދިމާވި މައްސަލައަކީ އާންމުކޮށް ދިމާނުވާނެ ފަދަ މައްސައަކަށް ވިޔަސް ބެކަޕް ޖެނަރޭޓަރެއް ހުރި ނަމަވެސް އެހެން ވުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް އިންޖިނޭރުން ބުނާ ކަމަށެވެ.
އަދި ވިދާޅުވީ އެފަދަ ގޮތަކަށް މައްސަލަ ދިމާވެ، ހިދުމަތް ދިނުމުގައި އިތުރަށް ބުރޫ އަރައިފާނެތީ އެކަމާ މެދު ފިޔަވަޅު އެޅުމަށް ކުރެވޭނެ ކަންކަމާ މެދު މަޝްވަރާ ކުރުމަށް ސްޓެލްކޯއާ އެކު މިއަދު ކުއްލި ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.
"އެބޭފުޅުންނާ އެކު މަޝްވަރާކޮށްގެން އަޅުގަނޑުމެން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން،" މޮންދު ވިދާޅުވި އެވެ.
މޮންދު ވިދާޅުވީ ގާތްގަނޑަކަށް ފަސް ގަޑިއިރަށް އެމްއެންބީސީގެ ހިދުމަތް މެދުކެނޑިފައިވާތީ އެކަމަށް ނިހާޔަތަށް މާފަށް އެދޭ ކަމަށެވެ. "އަޅުގަނޑުމެންގެ ވަރަށް ގިނަ ސްޕޮންސަރުން ތިބޭ. އެފަރާތްތަކާއި އާންމުކޮށް ހިދުމަތް ހޯދާ އެންމެހާ ފަރާތްކުން އަޅުގަނޑުމެން މާފަށް އެދެން،" އޭނާ ވިދާޅުވި އެވެ.
އިއްޔެ އިއުރު އޮއްސެން ދަނިކޮށް އެމްއެންބީސީ ޓްރާންސްމިޝަންގެ ސިގްނަލް ކަނޑައިގެން ދިއުމުން އެ މައްސަލަ ހައްލު ކުރަން ކުރި މަސައްކަތުގައި މައްސަލަ ހައްލުވީ ރޭ 11:00 ވެސް ޖެހިފަހުންނެވެ. ނަމަވެސް އޭގެ ގަޑިއެއްހާއިރު ކުރިން ފެށިގެން މިޑިޔާ ނެޓް މެދުވެރިކޮށް އެމްއެންބީސީގެ ސިގްނަލް ފޮނުވަން ފަށާފައިވެ އެވެ.
މިއީ ރީބްރޭންޑްކޮށްފައިވާ ޓީވީއެމްގެ ހަޔާތުގައި މިހާ ގިނަ ވަގުތުތަކަށް ޚިދުމަތް މެދުކެނޑުނު ފުރަތަމަ ފަހަރެވެ.