24 Feb 2013, 10:07
ފިންމެކޭނިކާއިން ކާމިޔާބުކުރި 12 ހެލިކަޕްޓަރުގެ ޑީލްގައި ހުރި ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައާ ގުޅޭ ގޮތުން، އެކުންފުންޏާއެކު ބޭއްވި ވާހަކަތަކަކީ "ޕޮޒިޓިވް" ވާހަކަތަކެއް ކަމަށް އިންޑިއާގެ އޮފިޝަލުން ބުނެފި އެވެ.
އިންޑިއާގެ ރައީސް އާއި ބޮޑުވަޒީރު އަދި އެހެނިހެން ވީވީއައިޕީ ބޭފުޅުން އުފުލާ އިންޑިއާގެ ވައިގެ ސިފައިންގެ ހާއްސަ ސްކޮޑަށް ބޭނުންވެގެން ގަންނަން އިއުލާންކުރި 12 ހެލިކަޕްޓަރުގެ ބީލަން ފިންމެކޭނިކާއިން ކާމިޔާބުކުރުމުގައި އިންޑިއާގެ އޮފިޝަލުންނަށް ރިޝްވަތު ދީފައިވާ ކަމަށް ވަނީ ތުހުމަތުކުރެވިފަ އެވެ.
މިމައްސަލައިގެ ތަހުގީގަށް މިހާރު އިޓަލީވިލާތަށް ޒިޔާރަތްކުރަމުންދާ އިންޑިއާގެ އިސް އޮފިޝަލުންގެ ޓީމުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ފިންމެކޭނިކާގެ ވަފުދަކާ ބައްދަލުކޮށްފައިވާއިރު، ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް އިންޑިއާއިން އަދި ފިންމެކޭނިކާއިން ވެސް ހާމަކޮށްފައެއް ނުވެ އެވެ.
ފިންމެކޭނިކާގެ ހެލިކަޕްޓަރު އުފައްދާ ކުންފުނި ކަމަށްވާ އޮގަސްޓާ-ވެސްޓްލެންޑުން 750 މިލިއަން އެމެރިކާ ޑޮލަރުގެ ބީލަން 2010 ގައި ކާމިޔާބުކުރުމަށްފަހު މިހާތަނަށް ވަނީ އޭޑަބްލިޔު-101 މަރުކާގެ ތިން ހެލިކަޕްޓަރު އިންޑިއާއަށް ފޯރުކޮށްދީފަ އެވެ.
އެހެން ނަމަވެސް މީގެ ދެހަފުތާއެއްހާ ދުވަސް ކުރިން، އިޓަލީވިލާތުން ކުރިއަށް ގެންދިޔަ ތަހުގީގެއްގައި ފިންމެކޭނިކާއިން ރިޝްވަތު ދެމުންދާ ކަމުގެ ހެކި ލިބިފައިވާ ކަމަށް ބުނެ އިޓަލީއިން ފިންމެކޭނިކާގެ ސީއީއޯ ޖިއުސެއްޕޭ އޯރުސީ ހައްޔަރުކުރުމާއެކު، އިންޑިއާއިން ވަނީ ފިންމެކޭނިކާގެ މައްސަލަ ތަހުގީގުކުރަން ފަށާފަ އެވެ.
އިންޑިއާގެ ވަފުދުން ކުރަމުންދާ ދަތުރުގައި ވަނީ މިމައްސަލަ ތަހުގީގު ކުރި އިޓަލީ ޓީމުގެ އިތުރުން މައްސަލާގައި އޯރުސީ ހައްޔަރުކުރުމުގެ އަމުރު ނެރުނު ފަނޑިޔާރާ ވެސް ބައްދަލުކޮށްފަ އެވެ.