އިސްލާމް އާބާދު (ފެބްރުއަރީ 24): ޕާކިސްތާނުގެ ފުލުހުން، އެގައުމުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ "ލަޝްކަރޭ ޖަންގްވީ" ގެ މުއައްސިސް މާލިކް އިސްޙާޤް ހައްޔަރުކޮށްފި އެވެ.

އިސްޙާޤް ހައްޔަރުކޮށްފައިވަނީ ޕަންޖާބުގައި ހުންނަ އޭނާގެ ގޭގައި އުޅެނިކޮށް ކަމަށް ވެސް ޕާކިސްތާނުގެ ފުލުހުން ބުނެ އެވެ. "ލަޝްކަރޭ ޖަންގްވީ" އަކީ ޕާކިސްތާނުގައި މަނާކުރެވިފައިވާ ޣައިރު ޤާނޫނީ ޖަމާއަތެކެވެ. މިމަހުގެ 16 ވަނަ ދުވަހު ޕާކިސްތާނުގެ ކުއެޓާގެ ބާޒާރެއްގައި ގޮއްވާލި ބާރުގަދަ ކާރުބޮމުގެ ޒިންމާ އުފުލާފައިވަނީ އެޖަމާއަތުންނެވެ. އެބޮން ގޮއްވާލުމުގެ ސަބަބުން 90 މީހަކު މަރުވެ އިތުރު 250 މީހަކު ޒަޚަމްވެފައިވާ އިރު މީގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ޕާކިސްތާނުން ބުނެފައިވެ އެވެ. މާލިކް އިސްޙާޤަކީ މީގެކުރިން ވެސް ބޮންގޮއްވުމާއި އިރުހާބީ ޙަރަކާތްތައް ހިންގުމުގެ ކުށުގައި 10 އަހަރު ޖަލުގައި ހޭދަކޮށްފައިވާ މީހެކެވެ.

ކުއެޓާގެ އާންމުން ތޮއްޖެހިފައިވާ ބާޒާރުގައި ގޮއްވާލި ކާރުބޮމުގެ ޒިންމާ އޭނާގެ "ލަޝްކަރޭ ޖަންގްވީ" ން އުފުލާފައިވީ ނަމަވެސް މިޖަރީމާގައި އޭނާ ސީދާގޮތެއްގައި ބައިވެރިވާކަން ހާމަވެފައެއް ނުވެއެވެ. ޕާކިސްތާނުގެ ބަލޫޗިސްތާނުގައި މިފަހަކަށް އައިސް ދޭ ބޮމުގެ ޙަމަލާތަކުގައި އެތަށްބަޔަކު މަރުވެ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ އިރު އެސަރަޙައްދުގެ ޝިޔަޢީން ގެންދަނީ އެމީހުން ޙިމާޔަތުގައި ފިޔަވަޅު އެޅުމުގައި އެސަރަހައްދުގެ ލޯކަލް ސަރުކާރު ފޭލްވެފައިވާ ކަމަށްބުނެ މަގުތަކަށް ނުކުމެ އިޙްތިޖާޖްތައްކޮށްފަ އެވެ. ބަލޫޗިސްތާނުގައި ޝިޔަޢީން އަމާޒުކޮށް ދެމުންގެންދާ ބޮމުގެ ޙަމަލާތަކުގެ ފަހަތުގައިވާ ކަމަށް ޕާކިސްތާން ފުލުހުން ވެސް ޝައްކުކުރާ މައިގަނޑު ޖަމާއަތަކީ "ލަޝްކަރޭ ޖަންގްވީ" އެވެ.

ކުއެޓާގައި މިދިޔަ ޖަނަވަރީމަހު ބާރުގަދަ ބޮމެއްގޮއްވާލުމުގެ ސަބަބުން 80 މީހަކު މަރުވެފައިވެ އެވެ. އަދި ރާވަލްޕިންޑީގައި މިދިޔަ ނޮވެމްބަރު މަހު ދިން ބޮމުގެޙަމަލާއެއްގައި ވެސް 23 މީހަކު މަރުވެފައިވެ އެވެ. ބަލޫޗިސްތާނުގެ ޝިޔަޢީންގެ މިސްކިތެއްގައި ވެސް މިދިޔަ ޑިސެމްބަރު މަހު ބޮމެއްގޮއްވާލައިގެން17 މީހަކު މަރާލައިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)