24 Feb 2013, 09:40
ހދ. ނައިވާދޫ ކައުންސިލްގެ ތިން މެންބަރަކު އެމްޑީއޭ އަށް ސޮއި ކުރެއްވުމާ ގުޅިގެން އެ ކައުންސިލްގެ މެޖޯރިޓީ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އަށް ލިބިއްޖެ އެވެ.
ނައިވާދޫގެ ކައުންސެލަރުން އެމްޑީއޭ އަށް ސޮއި ކުރެއްވީ އެމްޑީއޭ އަށް މެންބަރުން އިތުރު ކުރުމަށް ކުރަމުން އަންނަ ދަތުރުތަކުގެ ތެރޭގައި މިދިޔަ ބުދަ ދުވަހު އެވެ.
އެމްޑީއޭ އަށް ސޮއިކުރެއްވި ނައިވާދޫ ކައުންސިލްގެ މެންބަރުންނަކީ، ނައިބު ރައީސް ޢަލީ އަސްލަމް އާއި މެންބަރު ހަސަން ވަހީދާއި މެންބަރު މުހައްމަދު ޢަލީ އެވެ. މި ތިން ބޭފުޅުންނަކީ ވެސް ޑީއާރްޕީގެ ޓިކެޓުގައި ކައުންސިލަށް ހޮވިވަޑައިގެންނެވި ބޭފުޅުންނެވެ.
އެމްޑީއޭ އާ ގުޅިވަޑައިގަތުމަށް ފަހު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ނައިވާދޫ ކައުންސިލްގެ ނައިބު ރައީސް ޢަލީ އަސްލަމް އިއްޔެ ވިދާޅުވީ، އެމްޑީއޭ އިން ގެންގުޅޭ ތަރައްގީގެ ވިސްނުމަކީ ވަރަށް ބޮޑަށް ތާއީދު ކުރައްވާ ވިސްނުމެއް ކަމަށާއި މިއަދު ގައުމަށް އެންމެ މުހިންމީ އެފަދަ ހަރުދަނާ ވިސްނުމެއް ގެންގުޅޭ ލީޑާޝިޕެއް އޮތް ޕާޓީއެއް ކަމަށެވެ. އެ ގޮތުން އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދަކީ ތަރައްގީގެ ދުރު ވިސްނުން ހުރި ލީޑަރެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެކަން ޢަމަލީ ގޮތުން ވެސް ދައްކުވައިދީފައިވާ ލީޑަރެއް ކަމަށެވެ.
އަސްލަމް އިތުރަށް ވިދާޅުވީ ނައިވާދޫގައި އެމްޑީއޭގެ ސަޕޯޓު ކުރިމަގުގައި އިތުރުވެގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށާއި އެ މަސައްކަތް ވަރަށް ފޯރި އާއި އެކު ކުރިޔަށް އޮތް ތަނުގައި ކުރައްވާނެ ކަމަށެވެ.