24 Feb 2013, 09:24
އުސްފަސްގަނޑު ސަރަހައްދު ހައުސިން މިނިސްޓްރީއާ ހަވާލުކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން މިއަދު ބާތިލް ކޮށްފި އެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ އުސްފަސްގަނޑު މައްސަލައިގައި ދައުލަތުން ކުރި ދައުވާގައި މާލޭ ސިޓީ ކައުންސިލާއި ދައުލަތުގެ ފަރާތުން ޝަރީއަތުގައި ދެއްކި ވާހަކަތަކަށް ބިނާކޮށް ސިވިލް ކޯޓުން ކަނޑައަޅާފައިވާ ކަނޑައެޅުންތަކަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުންތަކެއް ކަމަށެވެ. ނަމަވެސް އުސްފަސްގަނޑު ހައުސިން މިނިސްޓްރީއާ ހަވާލު ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުމަށް ޝަރީއަތުގެ މަޖިލީހުގައި ރިއާޔަތް ކުރައްވައި މައުޟޫއީ ގޮތުން ބަލާފައި ނުވާކަމަށް ހައިކޯޓުގެ ހުކުމްގައިވެ އެވެ.
ސިވިލް ކޯޓުން އެ ހުކުމް ބާތިލް ކޮށްފައި ވަނީ އުސްފަސްގަނޑު ހައުސިން މިނިސްޓްރީއާ ހަވާލު ކުރުމަށް މިދިޔަ އަހަރުގެ މެއި މަހުގެ ނުވަ ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ނިންނި ނިންމުމާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލާއި ދައުލަތުގެ ބަހެއް ޝަރީއަތުން ހޯދާފައި ނުވާތީ އެވެ.
ސިވިލް ކޯޓުގައި އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ދިޔައިރު އުސްފަސްގަނޑު ހައުސިން މިނިސްޓްރީއާ ހަވާލު ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުން ދައުލަތުން ޝަރީއަތަށް ހުށަހަޅާފައި ނުވެ އެވެ. ދައުލަތުން ހަމައެކަނި ހުށަހަޅާފައި ވަނީ ވަޒީރުންގެ މަޖިލީހުގެ ނިންމުމާ އެއްގޮތަށް އުސްފަސްގަނޑު ހަވާލުކުރުމަށް ހައުސިން މިނިސްޓްރީން މަލޭ ސިޓީ ކައުންސިލަށް އެންގި ސިޓީ އެވެ.
އުސްފަސްގަނޑު ސަރަހައްދު ހައުސިން މިނިސްޓްރީއާ ހަވާލު ކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން މިއަދު ބާތިލްކޮށްފައިވާ އިރު ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އެތަން ހުސްކުރުމަށް މާލޭ ސިޓީ ކައުންސިލުން އިއްޔެ ވަނީ އެމްޑީޕީ އަށް އަންގާފަ އެވެ.