24 Feb 2013, 08:43
ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ތިންވަނަ ޑިވިޜަންގެ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ޑީ ބާސްކެޓްބޯޅަ ކުލަބް (ޑީބީސީ)އާ ވާދަކޮށް އެންމެ ޕޮއިންޓެއްގެ ތަފާތުން މޮޅުވެގެން އެލްކިޔު ސްޕޯޓްސް ކުލަބު މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފިއެވެ.
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ 33 ވަނަގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ތިންވަނަ ޑިވިޜަންގައި އިއްޔެ ހަވީރު މި ދެޓީމު ވާދަކުރި ފޯރިގަދަ މެޗުގައި ދެޓީމުގެ ކުޅުންވެސް ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ.
މެޗުގައި އެލްކިޔުއަށް އެންމެ ގިނަ ޕޮއިންތް ހޯދައި ދިނީ 12 ޕޮއިންޓް ހޯދައިދިން ހަސަން މުހައްމަދު އެވެ. އަދި ޑީބީސީ އަށް އެންމެ ގިނަ ޕޮއިންޓް ހޯދައި ދިނީ 11 ޕޮއިންޓް ހޯދައިދިން ރިޝްފާން ރަޝީދު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އެލްކިޔުއަށް އަށް ޕޮއިންޓް ހޯދައިދިން މުހައްމަދު އީވާން އެވެ.
ސެމީފައިނަލްގެ ދެވަނަ މެޗުގައި މިރޭ ބައްދަލު ކުރާނީ ވިޔަންސާއާއި ޓީރެކްސް ސްޕޯޓްސް އެކަޑަމީ އެވެ. އަދި މިދެޓީމު ވާދަކޮށް މޮޅުވާ ޓީމެއް ތިންވަނަ ސެމީފައިނަލުގައި ވާދަކުރާނީ ޑީ ބާސްކެޓްބޯޅަ ކުލަބާ އެވެ. ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރު ވާނީ ތިންވަނަ ސެމީއިން މޮޅުވާ ޓީމަކަށެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުމަށް ހަމަޖެހިފައިވާ އެމެޗު ފެށުމަށް ހަމަޖެހިފައި ވަނީ ރޭގަނޑު 9:00 ގަ އެވެ.