ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ލިމިޓެޑް އޯވާ ކްރިކެޓް މުބާރާތުގެ ދެވަނަ ޑިވިޜަންގެ ފައިނަލަށް އޮފް އެފްސީ އާއި މާލޭ ސްޕޯޓްސް ހިނގައްޖެ އެވެ.

އޮފް އެފްސީ ފައިނަލަށް ގޮސްފައިވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ޖުމުލަ 12 ޕޮއިންޓް ހޯދައިގެންނެވެ. އަދި މާލޭ ސްޕޯޓްސް ކުލަބް ފައިނަލަށް ގޮސްފައިވަނީ ހަތަރުމެޗުން މޮޅުވެގެން ނުވަ ޕޮއިންޓް ހޯދައިގެން ނެވެ.

މުބާރާތުގެ 10 ވަނަ މެޗުގައި މިއަދު އެމްއެސް އެކަޑަމީއާ ވާދަކޮށް އޮފް އެފްސީއިން މެޗު ކާމިޔާބު ކުރީ 59 ލަނޑުންނެވެ. އެމްއެސް އެކަޑަމީއަށް މެޗުގައި ޓޮސްދިމާވުމުން އެޓީމު ގަސްދު ކުރީ ހޮވާށެވެ. އަދި އޮފް އެފްސީ ކުޅެންއަރައި 40 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން 255 ލަނޑު ހަދާފައިވެއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 55 ލަނޑުހެދި މަހްމޫދު ރިޔާޒާއި 48 ލަނޑު ހެދި އިސްމާއީލް އަނިލް އެވެ. އެކަޑަމީ ޓީމުން އެންމެ ރަނގަޅަށް އުކީ 25 ލަނޑަށް ދެވިކެޓް ނެގި މުހައްމަދު މުއީޒު އެވެ.

ޖަވާބުގައި އެމްއެސްއެކަޑަމީ އިން ކުޅެންއަރައި 33 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 197 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 50 ލަނޑު ހެދި މުހައްމަދު ސާފީ އެވެ. އޮފް އެފްސީ އިން އެންމެ ރަނގަޅަށް އުކީ ހަ އޯވަރުގެ ތެރޭގައި 31 ލަނޑަށް ދެވިކެޓް ނެގި މުހައްމަދު ސައީދުއެވެ.

އޮފް އެފްސީ އާއި މާލޭ ސްޕޯޓްސް ކުލަބް ބައްދަލުކުރާ ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު ދެވަނަ ދުވަހު ހެނދު 9:30ގައި މާލޭ ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގަ އެވެ.