24 Feb 2013, 08:39
އެއް ގައުމާ އަނެއް ގައުމާ ދޭތެރޭ މިކުރެވޭ އިންވެސްޓްމެންޓްތަކުގެ ސަބަބުން މި ސަރަހައްދުގެ ގައުމުތަކުގެ އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެގެން ދާނެކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ސީއީއޯ ފާތިމަތު ޝަފީގާ ވިދާޅުވެއްޖެ އެވެ.
ޝަފީގާ އެހެން ވިދާޅުވީ ދެކުނު އޭޝިޔާގެ ގައުމުތަކުގެ ފައިނެންޝަލް އިންޓަގްރޭޝަން (ފައިސާ އާއި ބެހޭ) މަގްސަދުތައް އޭގެ އެންމެ ރަނގަޅު ގޮތުގައި ފުރިހަމަ ކުރުމަށްޓަކައި ކުރެވޭ ކަންތައްތަކާ ބެހޭ ގޮތުން 21 ފެބުރުވަރީން ފެށިގެން ސައުތު އޭޝިޔަން ފެޑެރޭޝަން އޮފް އެކްސްޗޭންޖް (ސޭފް) އިން ކުރިޔަށް ގެންދާ ރީޖަނަލް އިންޓަގްރޭޝަން ޕްރޮޖެކްޓަށް ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑެވެލޮޕްމެންޓް (ޔޫއެސްއެއިޑް) އިން ކަނޑަ އަޅާފައިވާ ކޮންސަލްޓަންޓުންނާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ. މި ޕްރޮޖެކްޓަކީ ޔޫއެސްއެއިޑް ޕާކިސްތާނުގެ އެހީގައި ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.
މިޕްރޮޖެކްޓަށް ކަނޑައަޅާފައިވާ ޝިޔާރަކީ "ރީޖަނަލް ފައިނެންޝަލް އިންޓަގްރޭޝަން – ޑިވެލޮޕިން އަ ހާމޮނައިޒްޑް ރެގިއުލެޓަރީ ފްރޭމްވޯކް ފޯ ދަ ކެޕިޓަލް މާކެޓްސް އިން ޕާކިސްތާން އެންޑް ސައުތު އޭޝިޔާ" އެވެ. މި ޕްރޮޖެކްޓް އަމާޒުވެފައިވަނީ ކެޕިޓަލް މާކެޓްގައި ހިމެނޭ ކަންތައްތައް ހަރުދަނާކަމާ އެކީގައި ކުރިޔަށް ގެންދިޔުމަށެވެ.