24 Feb 2013, 08:35
ރާއްޖޭގައި މިހާރަކަށް އައިސް ނޫސްވެރިންނަށް ދެމުންދާ ހަމަލާތައް ރާއްޖޭގައި މަސައްކަތްކުރާ އެކުވެރި ދައުލަތްތައް (އދ) ގެ ކަންޓްރީ ޓީމުން ކުށްވެރި ކޮށްފި އެވެ.
ރާއްޖޭގައި މަސައްކަތް ކުރާ އދ ގެ ކަންޓްރީ ޓީމްގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ އޮފީހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ރާއްޖެ ޓީވީ ނޫސްވެރިޔަކާއި، އެމްބީސީގެ ދެ ނޫސްވެރިއަކަށް ދިން ހަމަލާތަކަކީ އދ އިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
"މިފަދަ ހަމަލާތަކަކީ ރައްޔިތުންނަށް ލިބިފައިވާ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ހައްގަށް އަރައިގަނެ، ދީފައިވާ ހަމަލާތަކެއް. މިފަދަ ހަމަލާތައް ރަނގަޅަށް ތަހުގީގު ކުރެވޭން ޖެހޭނެ" އދ ގެ ބަޔާނުގައި ބުނެފައި ވެއެވެ.
ރާއްޖެ ޓީވީގެ އިބްރާހިމް ވަހީދު (އަސްވާޑު) އަށް ހަމަލާދީ ޒަހަމްކޮށްލުމުގެ ސަބަބުން އޭނާ އަދިވެސް ހޭ ނާރާ ކަމަށާއި އޭނާއަށް އަދިވެސް ދަނީ ލަންކާގައި ފަރުވާ ދެމުން ކަމަށް މައުލޫމާތު ލިބެ އެވެ.