ރައްޔިތުން މަޖިލީހުގެ ބައެއް ކޮމެޓީތަކުން ފުލުހުންގެ އަގު ވައްޓާލުމަށް މަސައްކަތް ކުރަމުންދާކަން ސަރީހަކޮށް އެނގިވަޑައިގަންނަވާ ކަމަށާއި އޭގެ ތެރެއިން އެއް ކޮމެޓީއަކީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

އދ. ފެންފުށީ ޕޮލިސް ސްޓޭޝަން ހުޅުވުމަށް ފަހު އިއްޔެ މެންދުރު ފަހު އެރަށުގައި ބޭއްވި ޖަލްސާއެއްގައި ކޮމިޝަނަރު ރިޔާޒް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ މިންވަރު ބަލާ ކޮމެޓީން ވަކި ވަކި ރޭންކްތަކުގެ ބޭފުޅުން ހާޒިރުކޮށް އެބޭފުންނަށް ފުރައްސާރަކޮށް ދިމާ ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެނަށް މި ފެންނަނީ ސަރުކާރުގެ ޖަވާބުދާރީކުރުވާ ކޮމެޓީއަކުން ފުލުހުންގެ އެކި އެކި ރޭންތަކުގެ ބޭފުޅުން އެ ކޮމެޓީތަކަށް ހާޒިރުކޮށް އެބޭފުޅުނަށް ފުރައްސާރަކޮށް ހެރެސްކޮށް ހުތުރުބަހުން މުއާމަލާތްކުރާތަން،" އޭނާ ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ ބޭފުޅުން ޖަވާބުދާރީ ވެވަޑައިގަންވަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވަނީ ގާނޫނު އަސާސީން ފުލުހުނާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރޭތޯ ބެލުމަށް އޮންނަ 241 ކޮމެޓީން ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ފުލުހުންގެ ބޭފުޅުން ހާޒިރުކޮށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީން ކަންތައް ކުރުމުގެ ބޭނުމަކީ ހެޔޮނިޔަތެއްގައި މަސައްކަތެއް ކުރުމެއްނޫން ކަމަށާއި އަދި ގާނޫނީ ގޮތުން ވެސް އެކޮމެޓީ އަށް ހާޒިރުކޮށްގެން ސުވާލު ނުކުރެވޭނެ ކަމަށް އެޓާީ ޖެނެރަލްގެ ލަފާ ލިބިފައިވާ ކަމަށެވެ.

"މިދިޔަ ހަފްތާގައި އަޅުގަނޑުވާނީ ސިޓީއެއް ފޮނުވާފައި. އެ ސިޓީގައި އެކަމަނާ އަށް އެދިފައިވާނެ މިކަމާ މެދު ދިރާސާ ކުރުމަށް ފަހު ކަންކުރަން ވީ ގޮތުގެ ލަފަޔަކަށް އެދި،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ އޭނާ ޕޮލިސް ކޮމިޝަނަރު ކަމުގެ މަގާމުގެ ފުރުއްވަމުން ގެންދަނީ " އެއްވެސް ސިޔާސީ ނުފޫޒެއް ނެތި" ކަމަށާއި މިހާރަށް ވުރެ މިނިވަން ކަމާ އެކު ފުލުހުންގެ މުއައްސަސާ ހިނގި ތަނެއް މީގެ ކުރިން އެއްވެސް އިރަކު ފެނިވަޑައިގެންފައިނުވާ ކަމަށެވެ.

"އަޅުގަނޑުވެސް މި ދާއިރާގައި އުޅޭތާ ގާތްގަނޑަކަށް 24 އަހަރު މިވަނީ. އަޅުގަނޑުގެ ހަޔާތަކަށް ނާދޭ، މޯލްޑިވްސް ޕޮލިސް ސާވީސްގެ މި ހިދުމަތް ފުލުހުންގެ މުއައްސަސާއިން ބޭނުންވާ ގޮތަށް އޮޕަރޭޝަންތައް ހިންގުމުގައި އިންޑިޕެންޑެންސް އޭ މި ކިޔާ، ސިޔާސީ ނުފޫޒެއް ނެތި މި ފުރުސަތު ލިބުނު ތަނެއް މީގެ ކުރިއަކުން."

ޢަބްދުﷲ ރިޔާޒް ޕޮލިސް ކޮމިޝަނަރު ކަމުގެ މަގާމަށް ވަޑައިގެންނެވީ ރައީސް ވަހީދު ރައީސްކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހުއެވެ.