ހައިކޯޓުގެ އަމުރަކާ އެކު ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ އުސްފަސްގަނޑު ސަރަހައްދު 30 ދުވަހުގެ ތެރޭގައި ހުސް ކުރުމަށް މާލޭ ސިޓީ ކައުންސިލުން އެމްޑީޕީއަށް އިއްޔެ އަންގައިފި އެވެ.

ސަންއަށް ރޭ ދެއްވި އިންޓަވިއުއެއްގައި މާލޭ ސިޓީ ކައުންސިލްގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އުސްފަސްގަނޑުގައިވާ އެމްޑީޕީގެ ހުރިހައި ތަކެއްޗެއް އެތަނުން ގެންދިޔުމަށް އެމްޑީޕީއަށް އަންގާފައި ވަނީ މާލޭގެ މޭޔަރު މައިޒާން އަލިމަނިކު ސޮއި ކުރައްވައި އެ ޕާޓީއަށް އިއްޔެ ފޮނުވި ސިޓީއެއްގައި ކަމަށެވެ.

"އަޅުގަނޑުމެން މިއަދު ވަނީ އެމްޑީޕީ އަށް މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އުސްފަސްގަނޑު ހުސް ކުރުމަށް އަންގައި ނޯޓިސް ނުވަތަ ސިޓީ އެއް ފޮނުވާފަ. އަޅުގަނޑުމެންގެ މޭޔަރަށް ލިބިފައިވާ ބާރުގެ ދަށުން އެމްޑީޕީ އަށް ވަނީ 30 ދުވަހުގެ ތެރޭގައި އުސްފަސްގަނޑުގައި ހުރި އެ ޕާޓީގެ ހުރިހައި ތަކެއްޗެއް ހުސްކުރުމަށް ނުވަތަ ގެންދަން އަންގާފަ،" ޝުޖާއު ރޭ ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ އުސްފަސްގަނޑު ހުސްކުރުމަަށް އެމްޑީޕީ އަށް އަންގާފައި ވަނީ އެތަން ތަރައްގީ ކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމާފައިވާތީ ކަމަށެވެ.

އުސްފަސްގަނޑު ސަރަހައްދު ހައުސިން މިނިސްޓްރީއާ ހަވާލު ކުރާން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރުމަށް މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު އެ ކޯޓުން ވަކިގޮތެއް ނިންމުމުން އެތަން ތަރައްގީ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

މީގެ ކުރިން ސިޔާސީ ހަރާކާތް ހިންގުމަށް އެމްޑީޕީއަށް އެތަން ދޫކުރި ނަމަވެސް ދެން އެއްވެސް ސިޔާސީ ޕާޓީއަކަށް އެތަން ދޫނުކުރާނެ ކަމަށާއި ސިޓީ ކައުންސިލުން މިހާރު ބޭނުންވަނީ އެތަން ތަރައްގީ ކުރާން ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ސިޓީ ކައުންސިލާ އުސްފަސްގަނޑު ހަވާލުކުރި އެއްބަސްވުމުގައި ވާގޮތުން އުސްފަސްގަނޑަކީ އާންމުންނަށް ވަދެވޭ ގޮތަށް އާންމު ބޭނުމަށް ހުސްކޮށް ބޭއްވުމަށް ކަނޑައަޅާފައިވާ ބިމަކަށް ވާތީ އެތަން ތަރައްގީ ކުރަންވާނީ އާންމުންނަށް ވަދެވޭ ގޮތަށް ކަމަށް ބުނެފައިވެ އެވެ.

އެ އެއްބަސްވުމުގައި ވާގޮތުން އުސްފަސްގަނޑުގައި ޖުމްލަ 800 އަކަފޫޓުގެ ސަރަހައްދެއްގައި އިމާރާތް ކުރުމުގެ ބާރު ސިޓީ ކައުންސިލަށް ލިބިގެންވާ އިރު އެފަދަ އިމާރާތެއް ތިން މީޓަރަށް ވުރެ އުސްވެގެން ނުވަނެ ކަމަށް ބުނެފައިވެ އެވެ. އަދި އުސްފަސްގަނޑުގައި އިމާރާތެއް ކުރިކަމަށް ވިޔަސް އެ އިމާރާތް ބޭނުން ކުރަންވާނީ ފާޚާނާ، ޗޭންޖިން ރޫމް، ފެންވަރާތަން، ލުއިކާނާ ވިއްކާ ތަނެއް ނުވަތަ ބޯފެން ވިއްކާ ތަނެއްގެ ގޮތުގައި ކަމަށް ވެސް އެ އެއްބަސްވުމުގައިވެ އެވެ.