މަރުވެފައި އޮތް މީހަކު މ. އެވާފްރީ ގޭގެ ކޮޓަރިއެއްގެ ތެރެއިން ފެނިއްޖެ އެވެ.

ވެސްޓްޕާކް ސަރަހައްދުގައި ހުންނަ އެގޭ ކުރިމަތީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ޗީފް އިނިސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ދާވޫދު ވިދާޅުވީ އެ ގޭގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ ފ. ދަނރަބޫދޫ ފިނިފެންމާގޭ މުޙައްމަދު ޢަލީ އިސްމާއީލް 53، ކަމަށެވެ.

އޭނާ ވިދާޅުވީ މިރޭ 8:30 އެހައިކަންހާއިރު އާންމު ފަރާތަކުން ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެން އެގެއަށް ގޮސް ބެލިބެލުމުން މުޙައްމަދު ޢަލީ އިސްމާއީލް މަރުވެފައި ވަނީ ގުދުރަތީ މަރަކުން ކަމަށް ބެލެވޭ ކަމަށެވެ. އަދި ތަހުގީގަށް ފަހު އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ހާމަކުރާނެ ކަމަށް ވެސް ދާވޫދު ވިދާޅުވި އެވެ.

ސަންގެ ނޫސްވެރިން އެ ސަރަހައްދަށް ދިޔައިރު އެގޭ ކައިރިން ކުނިވަސް ވެސް ދުވައެވެ. އެ ސަރަހައްދުގައި އުޅޭ ބައެއް މީހުން ބުނިގޮތުގައި އާންމު ފަރާތަކުން ފުލުހުންނަށް އެކަން ރިޕޯޓް ކުރީ އެ ސަރަހައްދުން ކުނިވަސް ދުވާތީ އެވެ.

ފުލުހުންގެ ފޮރެންސިކް ޓީމް އެގޭތެރޭގައި ހަރަކާތްްތެރިވަމުން ދިޔަވަގުތު އާންމުންގެ ގިނަ ބަޔަކު އެ ސަރަހައްދަށް އެއްވި އެވެ.

މިރޭ 11:15 އެހައިކަންހާއިރު މުޙައްމަދު ޢަލީ އިސްމާއީލްގެ ހަށިގަނޑު ނެގުމަށްފަހު މިހާރު ވަނީ މޯޗަރީއަށް ގެންގޮސްފަ އެވެ.