ރާއްޖޭގެ ތިން ނޫސްވެރިއަކަށް ރޭ ހަމަލާދިން ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދެއްވުމުގައި ފަހަތަަށް ޖެހިވަޑައިނުގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް ދިން އެހަމަލާ ކުށްވެރިކޮށް ރައީސް އޮފީހުން މިރޭ ނެރެފައިވާ ބަޔާނެއްގައި ރައީސް ޑރ. ވަހީދު ވިދާޅުވެފައި ވަނީ ރާއްޖޭގެ ތިން ނޫސްވެރިއަކަށް ރޭ ދިން ޙަމަލާ އެމަނިކުފާނު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށާއި އެ އަމަލުތައް ހިންގި ފަރާތްތައް އިންސާފުގެ ކުރި މައްޗަށް ގެނެސް ހައްގު އަދަބު ދިނުމުގައި ސަރުކާރުން ފަތަށް ނުޖެހޭނެ ކަމަށެވެ.

ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ނޫސްވެރިންނަށް އަމާޒުކޮށްގެން އެކިއެކި ހަމަލާތައް ދެމުން ގެންދާކަމީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގަމުންގެންދާ ނަމަ އެކަމުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަން ކަމަށް ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ރާއްޖޭގެ ނޫސްވެރިކަން ބިރުވެރި މާހައުލެއްގެ ތެރެއަށް ވެއްޓިގެން ދިޔުމަކީ ވަރަށް ގާތުގައި އޮތް ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

"ރާއްޖޭގައި އުފެދިފައި މިވާ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ވެސް މަސައްކަތް ކުރަމުން ގެންދަންވާނީ ތަފާތު ހިޔާލުތަކަށް ތަންދީގެނެވެ. އަދި ނޫސްވެރިންނަށް ބިރު ދައްކައި އެމީހުންނަށް ހަމަލާ ދީ އެމީހުންނަށް ޤާނޫނު އަސާސީއާއި ގާނޫނުން ލިބިދޭ މިނިވަން ކަމަށް އެއްވެސް ފަރާތަކުން ހުރަސް އަޅައިގެން ނުވާނެ އެވެ،" ރައީސް ވަހީދު ވިދާޅުވެފައިވެ އެވެ.

ހަބަރު ފަތުރާ ވަސީލަތްތަކުން ވެސް މައުލޫމާތު ފެތުރުމުގައި ހަގީގަތަށް ބުރަވެ ދޮގު މައުލޫމާތުތައް ފަތުރައި ހަދައިގެން ނުވާނެ ކަމަށާއި މީޑިއާގެ ހުރިހާ ފަރާތްތަކުން ވެސް މަސައްކަތް ކުރަންވާނީ ގައުމުގެ ހަމަޖެހުމާއި އެއްބައިވަންތަކަމަށް އަދި ސުލްޙަމަސްލަހަތަށް އިސްކަން ދީގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މާލެ ތެރޭގައި މިހާރު ހިންގަމުން ގެންދާ އެކިއެކި ހަމަނުޖެހުންތައް ވަގުތުން ހުއްޓާލުމަށާއި ހަމަނުޖެހުމަށް މަގުފަހިވާނެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުހިންގުމަށް ވެސް އަޅުގަނޑު މިފުރުޞަތުގައި ގޮވާލަމެވެ. އަދި ހަމަނުޖެހުން އުފެއްދުމަށް ބާރު އެޅޭފަދަ ގޮތަކަށް އެއްވެސް ފަރާތަކުން ޢަމަލު ނުކުރުމަށާއި، ޤައުމާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރިހާ ފަރާތްތަކުން ޚާއްޞަކޮށް ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކޮށްދެއްވުމަށް އަޅުގަނޑު އިލްތިމާސްކުރަމެވެ. އަޅުގަނޑު ދެކޭ ގޮތުގައި ސިޔާސީ ދެބަސްވުންތައް ހަމަޖެހުމަކަށް އަންނާނީ މަގުމަތީގައި ހަމަނުޖެހުމާއި، މާރާމާރީތައް ހިންގައިގެނެއް ނޫނެވެ،" ރައީސް އޮފީހުގެ އެބަޔާނުގައިވެ އެވެ.

ނޫސްވެރިންނަށް އަމާޒުކޮށްގެން ދޭ ހަމަލާތައް ހުއްޓުވުމަށް ޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުން ގެންދާނެ ކަމަށާއި ނޫސްވެރިކަން ކުރިއެރުވުމަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ ރާއްޖޭގެ އެކި ޖަމްޢިއްޔާތަކުން އެކުރަމުން ގެންދާ މަސައްކަތްތަކަށް ސަރުކާރުން ފުރިހަމަ އެއްބާރުލުންދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވެސް ރައީސް ވަހީދު ވަނީ އެބަޔާނުގައި ދެއްވާފަ އެވެ.

"ރޭގެ ހަމަލާގައި ވަރަށް ބޮޑަށް ޒަޚަމްވެ މިހާރު ސްރީލަންކާގައި ފަރުވާ ދެމުންދާ ރާއްޖެ ޓީވީގެ ނިއުސް ހެޑް، ޑެޕިޔުޓީ ސީއީއޯ އިބްރާހީމް ވަޙީދަށް އަޅުގަނޑު އަވަސް ޝިފާއަކަށް އެދެމެވެ. އަދި، ރޭ ދިން އެހެން ޙަމަލާއެއްގައި އަނިޔާ ލިބުނު އެމްބީސީގެ ޑެޕިޔުޓީ އެޑިޓަރު ޢާއިޝަތު ލީޒާއަށާއި، ރިޕޯޓަރު އާމިނަތު ޝާނީއަށް ވެސް އަވަސް ޝިފާއަކަށް އެދެމެވެ"، ރައީސް ވިދާޅުވެފައިވެ އެވެ.