މާލޭގައި ރޭ ބަޔަކު ނޫސްވެރިންތަކަކަށް އަމާޒުކޮށް ދިން ހަމަލާތައް ކުށްވެރިކޮށް އެމްޑީޕީން މިއަދު ހިނގާލުމެއް ބާއްވައިފި އެވެ.

އެމްޑީޕީން މިއަދު އުސްފަސްގަނޑުގެ ސަރަހައްދުން ފެށި އެހިނގާލުމުގައި އެޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ބައިވެރިވެފަ އެވެ. މުޒާހަރާގެ ބައިވެރިންވަނީ ނޫސްވެރިންނަށް ދޭ ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރިކޮށް އަޑު އުފުލާފަ އެވެ. މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށް ދިޔަ އެހިނގާލުން ނިންމާާލާފައިވަނީ ވެސް އުސްފަސްގަނޑުގެ ސަރަހައްދުންނެވެ.

ނޫސްވެރިންނަށް ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް ރާއްޖޭގައި ހަރަކާތްތެރިވާ ނޫސްވެރިން ވެސް މިއަދު ވަނީ އިހުތިޖާޖްކޮށްފަ އެވެ. އަދި ނޫސްވެރިންނަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް ވެސް މީޑިއާތަކުގެ އިހުތިޖާޖްގައި ވަނީ ގޮވާލައިފަ އެވެ.

މާލޭގެ ދެ ސަރަހައްދެއްގައި ނޫސްވެރިންނަށް އަމާޒުކޮށް ރޭ ދިން ހަމަލާތަކުގެ ތެރެއިން ފުރަތަމަ ހަމަލާ އަމާޒުވެފައިވަނީ ޓީވީއެމްގެ ދެ ނޫސްވެރިއަކަށެވެ. އެއަށްފަހު އާޓިފިޝާލް ބީޗުގެ ސަރަހައްދުން ރާއްޖެ ޓީވީގެ ނޫސްވެރިއާ އިބްރާހިމް ވަހީދު (އަސްވާޑް) އަށް ދަގަނޑު ބުރިއަކުން ދިން ހަމަލާއެއްގައި އޭނާގެ ބޮ ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފަ އެވެ. އަދި އެހަމަލާއާ ގުޅިގެން އިތުރަށް ފަރުވާދިނުމަށް އޭނާ ވަނީ ސްރީލަންކާއަށް ގެންގޮސްފަ އެވެ.