މުޒާހަރާތައް ކަވަރުކުރާ ނޫސްވެރިންނަށް ސަލާމަތާއި ރައްކާތެރިކަން ދިނުމުގެ ގޮތުން މުޒާހަރާތަކުގައި ފުލުހުން އެމީހުންގެ ސަލާމަތަށް ޓަކައި ބޭނުން ކުރާ ސަލާމަތީ ކިޓް ނޫސްވެރިންނަށް ވެސް ދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ނިންމައިފި އެވެ.

މޯލްޑިވްސް މީޑީއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އަދި ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ މީޑިއާތަކާއި ނޫސްވެރިންނާ އެކު އިސްކަންދަރު ކޮށީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ ވިދާޅުވީ ނޫސްވެރިންނަށް ތަފާތު އެކި ގޮތްގޮތަށް ދެމުން ގެންދާ ހަމަލާތައް ވީހާ ވެސް އަވަހަކަށް ތަހުގީގްކޮށް ޕްރޮސެކިޔުޓް ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ ނޫސްވެރިންގެ މުޒާހަރާތަައް ކަވަރު ކުރުމަށް ހަރަކާތްތެރިވާ ނުސްވެރިންނަށް ފުލުހުންގެ ސަލާމަތީ ކިޓް ނޫސްވެރިންގެ ސަލަމަތާއި ރައްކާތެރި ކަމަށްޓަކައި ފޯރުކޮށްދެވިދާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ކުރާ މަސައްކަތުގައި ދެ ކަމެއް މިހާރު ކޮށްދެވިދާނެ. އެގޮތުން މީޑިއާތަކަށް ދެވޭ ހަމަލާތައް އިންވެސްޓިގޭޓް ކުރުމުގަ އާއި ޕްރޮސެކިޔުޓް ކުރުމުގައި ހާއްސަ ސަމާލު ކަމެއް ދީގެން އެ މައްސަލަތައް އަވަސް ކުރުމަށް މަސައްކަތް ކުރާނަން. ދެން މުޒާހަރާތައް ވީހާ ވެސް ގާތުން ކަވަރު ކުރުމަށްޓަކައި ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ފުލުހުން މި ބޭނުން ކުރާ ކިޓް ސެލެކްޓް ކުރެވޭ ނޫސްވެރިންނަށް އަޅުގަނޑުމެންނަށް ފޯރުކޮށްދެވިދާނެ." ސައުދީ ވިދާޅުވި އެވެ.

ސައުދީ އިތުރަށް ވިދާޅުވީ މީޑިއާ ތަކަށާއި ނޫސްވެރިންނަށް ސަލާމަތާއި ރައްކާތެރިކަން ދިނުމުގައި ނޫސްވެރިއަކަށް ނުވަތަ މީޑިއާއަކަށް ނުރައްކަލެއް އޮތް ކަމަށްވާ ނަމަ ނުވަތަ ނުރައްކަލެއް ކުރިމަތިވެފައިވާ ނަމަ ފުލުހުންގެ ތަހުގީގުންނާއި އަދި ކުރާ އެސެސްމެންޓްތަކާއި ހޯދާ ހޯދުންތަކުން ފާހަނގަ ކުރެއްވިއްޖެ ނަމަ އެ މީޑީއާއަކަށް ނުވަތަ އެ ނޫސްވެރިއަކަށް ފުލުހުންގެ ސެލިޔުރިޓީ ފޯރުކޮށް ދެއްވާނެ ކަމަށެވެ.

ސައުދީ އިތުރަށް ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސާވިސްއިން އެއްވެސް މީޑިއާކާއި މެދުގައި އެއް ވެސް ތަފާތު ކުރުމުގެ ވިސްނުމެއް ނުގެން ގުޅުއްވާ ކަމަށާއި އެހެން ނަމަވެސް މީޑިއާތަކަށް އެފަދަ ކަމެއް ފާހަނގަ ކުރެވޭ ނަމަ މަޝްވަރާ ކޮށްގެން އެފަދަ މައްސަލަތައް ހައްލު ކުރުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.

މީޑިއާތަކުން މުޒާހަރާތައް ކަވަރުކުރާ ގޮތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ސައުދީ ވިދާޅުވީ ލައިވްކޮށް މުޒާހަރާގެ މަންޒަރުތައް ގެނެސްދޭއިރު ހަމައެކަނި ފުލުހުން މީހަކު ހައްޔަރު ކޮށްގެން ގެންދާތަން ގެނެސްދިނުމުގެ ބަދަލުގައި މުޒާހަރާގައި ހިނގާ ހުރިހައި ކަމެއް އޭގެ އަސްލު ރައްޔިތުންނަށް ނޯޅޭ ފަދަ ގޮތަކަށް ގެނެސް ދިނުމަކީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

ސައުދީ ވިދާޅުވީ ނޫސްވެރިން މުޒާހަރާތައް ކަވަރު ކުރަމަށް ހަރަކާތްތެރި ވަމުންދާއިރު ފުލުހުންގެ އިރުޝާދުގެ މަތިން ހަރަކާތްތެރި ވަމުންދާ ނަމަ ނޫސްވެރިންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށް ދިނުމުގައި ފަސޭހަ ތަކެއް ވެގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ ނޫސްވެރިންނަށާއި މީޑީއާތަކަށް ދޭ ހަމަލާތައް ފުލުހުން ތަހްގީގް ކުރުމަށް ހަރަކާތްތެރިވަމުންދާ އިރު މީޑީއާތަކާއި ނޫސްވެރިންގެ ފަރާތުން އެއްބާރުލުން ދިނުމަކީ ފުލުހުންގެ އިދާރާ އިން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށް ވެސް ސައުދީ ވިދާޅުވި އެވެ.

ފުލުހުންނާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމޮޝަން އަދި މީޑީއާ ކައުންސިލާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުރިހައި ފަރާތްތަކަކުން ވެސް ވަނީ އެ ފަރާތަކުން ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ދޭން ޖެހޭ ކޮންމެ އެހީތެރި ކަމެއް ވެސް ފޯރު ކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ.