23 Feb 2013, 19:08
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ހ. ހިކޯސްޓް އަލީ ޝާންގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފި އެވެ.
ޝާންގެ ދިފާއީ ވަކީލު މިރޭ ވިދާޅުވީ ކުރިން 36 ގަޑިއިރުގެ ބަންދުގެ މުއްތަދު އޭނާއަށް ޖަހާދީފައި ވަނިކޮށް ބަންދުގެ މުއްދަތު އިތުރުކުރުމަށް ރޭ ކްރިމިނަލް ކޯޓަށް ފުލުހުން ޝާން ގެންދިޔުމުން އެ ކޯޓުން 15 ދުވަހަށް އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.
ވަކީލު ވިދާޅުވީ ރޭ ކްރިމިނަލް ކޯޓުގައި ބޭއްވި މުއްދަތު މަޖިލީހަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލަކު ވެސް ހާޒިރުވެ ޝާންއާ ބެހޭގޮތުން ވާހަކަދައްކާފައިވާ ކަމަށެވެ. އެގޮތުން އޭނާގެ މައްޗަށް ދައުވާ ކުރުމާ މެދު މިހަފްތާގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް ޕީޖީ އޮފީހުގެ ވަކީލު ވިދާޚުވެފައިވާކަމަށް ވެސް ޝާންގެ ދިފާއީ ވަކީލު ވިދާޅުވި އެވެ.
ޝާންގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ހ. ލޮބީ ހުސެއިން ހުމާމް އަހްމަދުގެ މައްސަލައާ އެކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
ހުމާމްގެ މައްޗަށް ދައުލަތުން ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލައިފަ އެވެ. އަދި އޭނާ ވަނީ ދައުވާ އަށް އިންކާރު ކުރުމަށް ފަހު ދައުލަތުގެ އެހީގައި ވަކީލަކު ހަމަޖައްސައިފަ އެވެ.
އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30އާއި ދަންވަރު 2:00 އާ ދެމެދުގެ ވަގުތެއްގައި އޭނާ ދިރިއުޅުއްވާ ހ. ފުންވިލުގެ އަށް އަށް ވަދެވަޑައިގަންނަވަނިކޮށެވެ.
އެ މައްސަލައިގައި 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްސަލަވެސް ފުލުހުން ވަނީ ޕީޖީ އަށް ފޮނުވާފަ އެވެ. ނަމަވެސް އެކުއްޖާގެ މައްޗަށް ވެސް އަދި ދައުވާ ކޮށްފައެއް ނުވެއެވެ.